ފުވައްމުލަކު އާބާދުވުން

އަލީ ޝިޔާޒް
މިއީ 1983 ވަނަ އަހަރުގެ ތެރޭގައި ނަގާފައިވާ  ކެޑޭރެ މިސްކިތުގެ ފޮޓޯއެއް މިއީ 1983 ވަނަ އަހަރުގެ ތެރޭގައި ނަގާފައިވާ ކެޑޭރެ މިސްކިތުގެ ފޮޓޯއެއް

އިހު ޒަމާނަކީ މިހާރުގެ ފަދައިން ލިޔެކިޔުމުގެ ކަންކަން ހަރުދަނާކޮށް ބެލެހެއްޓިފައިވާ ދުވަސްވަރެއް ނޫނެވެ. އޭރު ދިވެހިރާއްޖޭގައި ތާރީޚު ލިޔާ މީހުންވެސް މަދުވުމާއެކު، ފުވައްމުލަކުގައި މީހުން ދިރިއުޅެން ފެށި ގޮތާ ބެހޭގޮތުން ލިޔެވިފައިވާ އެއްވެސް ލިޔުމެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. އަދި ހަމައެހެންމެ، ރަށުގައި މީހުން ދިރިއުޅެން ފެށި ސީދާ ތާރީޚެއްވެސް އެނގޭކަށް ނެތެވެ.

ނަމަވެސް، ޖީލުތަކުން ޖީލުތަކަށް އަނގަބަހުން އައިސްފައިވާ ރިވާޔަތްތަކުން އެނގޭ ގޮތުގައި، ފުވައްމުލަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މީލާދީން ފަސްވަނަ ޤަރުނުގެ ތެރޭގައި ކަމަށް ލަފާކުރެވެއެވެ. ރަށުގައި ދިރިއުޅެން ފެށި ސީދާ ތާރީޚެއް އެނގެން ނެތް ނަމަވެސް، ރަށުގައި ފުރަތަމަ ދިރިއުޅުނީ ބުދުދީނުގެ އަހުލުވެރިން ކަން ޔަޤީންކުރެވެއެވެ. މިކަން ދަލީލުކޮށްދެނީ ހަވިއްތަ އާއި އޭގެ ވަށައިގެންވާ އާސާރީ ސަރަޙައްދުތަކުންނެވެ.


ހިޖުރީ ސަނަތުން 1365 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު، މީލާދީ ސަނަތުން 1946 ވަނަ އަހަރުގެ މާރިޗު މަހު، ރަށުގެ ހަވިއްތަ ކޮނުމުގެ މަސައްކަތް ކުރެވުނެވެ. މި މަސައްކަތުގައި އެތަނުން ލިބުނު ތަކެތީގެ ތެރޭގައި ބުދާއި، ކުރަނޑި އަދި އެނޫންވެސް އެފަދަ ތަކެތި ހިމެނުމުން، ރަށުގައި އެންމެ ފުރަތަމަ ދިރިއުޅެފައިވަނީ ބުދުދީނުގެ މީހުންކަން ހާމަވެގެން ދިޔައެވެ. މީގެ އިތުރުން، ހަވިއްތައާއި ކުޑަ ހަވިއްތަ އަދި އެ ސަރަހައްދުން ފެންނަ އެހެނިހެން ހެކިތަކުންވެސް މިކަން ކަށަވަރުވެއެވެ. ފުރަތަމަ ދިރިއުޅުނު ބަޔަކީ ސިންހަލަ މީހުންކަމަށް ލަފާކުރެވެއެވެ. މިހާރުވެސް ރަށުގައި ބޭނުންކުރާ ބައެއް ބަސްތަކުގައި ސިންހަލަ ބަހާ އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ.


ފުވައްމުލަކުގެ އާބާދީ އުފެދިގެން އައި އިބްތިދާއީ މަރުޙަލާގައި، ރަށުގެ ނަމަކަށް 'ފުވައްމުލައް' ނުވަތަ 'ފުވައްމޮލޮއް' ބޭނުންކޮށްފައިވާކަމަށް ނުބެލެވެއެވެ. އޭރު ރަށަށް ކިޔަމުން އައީ 'ޕުވައްމުއްލޭ' އެވެ. 'ޕުވައް' އަކީ ދުފަން ގެންގުޅޭ ފޯއަށް ސިންހަޅަ ބަހުން ކިޔާ ނަމެވެ. 'މުއްލޭ' އަކީ ސަރަޙައްދަށް ސިންހަޅަ ބަހުން ކިޔާ ނަމެކެވެ. މި ދެ ބަސް އެއްކޮށްލައިގެން ރަށުގެ ނަން އުފެދިފައިވާކަމަށް ޤަބޫލުކުރެވެއެވެ. އަދި މާޒީއާއި ޙާޟިރުގައިވެސް ފެންފޯ ރުއްތައް ގިނައިން ހައްދާ ރަށަކަށްވާތީ، އެ ދުވަސްވަރު މި ރަށަށް 'ޕުވައްމުއްލޭ' ކިޔާފައިވާނެކަމަށް ލަފާކުރެވެއެވެ.


'ޕުވައްމުއްލޭ' އިން 'ފުވައްމޮލޮއް' އަށް ނަން ބަދަލުވި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. މާލޭ ބަހުގެ ލިޔެކިޔުންތަކާއި ވާހަކަދެއްކުމުގައި 'ފޯއްމުލައް' މިގޮތަށް ބޭނުންކުރަމުން އައިސްފައިވެއެވެ. ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި 'ފޯއްމުލައް' ބޭނުންކުރަމުން އައި ދުވަސްތަކެއްގެ ފަހުން، މީލާދީ ސަނަތުން 1991 އިން 1993 އަށް ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރެއްވި އަލްފާޟިލް ޙަސަން މުޙައްމަދުގެ އިސްނެންގެވުމާއެކު، އަތޮޅު އޮފީހުން ސަރުކާރަށް ހުށަހެޅުމަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންގެވުމަކުން 'ފުވައްމުލައް' މިގޮތަށް ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރުމަށް ނިންމުނެވެ. އެހިނދުން ފެށިގެން މިހާރު ލިޔަމުން ގެންދަނީ 'ފުވައްމުލައް' މިގޮތަށެވެ.

ފުވައްމުލަކަކީ އެއް ފަސްގަނޑަކަށް ހިކިފައިވާ ބޮޑު ރަށެއްގެ ގޮތުގައި، އަވަށްތަކަކަށް ބަހާލެވި، އެ އަވަށްތަކަށް ވަކި ނަންތައް ދެވިފައިވާ ރަށެކެވެ. މި ބެހުން އައި ސަބަބާއި ތާރީޚު ސާފުކޮށް އެނގެން ނެތްނަމަވެސް، ރަށުގައި ފުރަތަމަ ދިރިއުޅުން ފެށުނީ މޫލެގަން ކިޔުނު ސަރަހައްދުގައި ކަމާއި، އޭގެފަހުން ދޫޑިގަން ސަރަހައްދުގައި ދިރިއުޅުން ފެށުނުކަން އެނގެއެވެ. އެހެންނަމަވެސް، ފުނާޑު އަވަށުގައި މީހުން ދިރިއުޅެން ފެށުމާ ގުޅިގެން މޫލެގަން އަވަށް ވަނީ އުވާލެވިފައެވެ.

ފުރަތަމަ ރަށުގައި އޮތީ 8 އަވަށެއް ނޫނެވެ. ރަށުގެ ގިނަ ސަރަހައްދުތަކެއްގައި މީހުން ދިރިއުޅުނުކަމާއި، އެ ސަރަހައްދުތަކަށް ވަކިވަކި ނަންތައް ދެވިފައިވާކަން ފާހަގަކުރެވެއެވެ. ރަށަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނު އިރު، ރަށުގެ 9 ސަރަހައްދެއްގައި މީހުން ދިރިއުޅުނުކަން ލިޔެކިޔުންތަކުން އެނގެއެވެ. ނަމަވެސް، ރަށްވެހިކަމުގެ ދުވަސްވަރުގައި މީގެ ތެރެއިން އެއް އަވަށް ކަމުގައިވާ ދަށުކުބާ އަވަށް ވަނީ އުވާލެވިފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު