ޒިކުރާ ސްކޫލުގެ ސްޕޯޓްސް ފެސްޓިވަލް ނިންމާލައިފި

އަލީ ޝިޔާޒް

ޒިކުރާ ސްކޫލުގެ މިއަހަރުގެ ސްޕޯޓްސް ފެސްޓިވަލް ނިންމާލާފިއެވެ.

މިމަހުގެ 23 ން 25 އަށް ޒިކުރާ ސްކޫލްގެ ގޯތިތެރޭގައި ބޭއްވުނު މިފެސްޓިވަލުގައި އެސްކޫލުގެ ބޭބީނާސަރީ، ނާސަރީ، އެލްކޭޖީ، ޔޫކޭޖީ އަދި ޕްރައިމަރީ ގުރޭޑްތަކުގެ ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 119 ދަރިވަރުން ބައިވެރިވިއެވެ. މިފެސްޓިވަލުގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ލޮލާއި އަތުގެ ގުޅުން (އައި-ހޭންޑް ކޯޑިނޭޝަން)، ކުދި ޙަރަކާތްތަކުގެ ހުނަރު (ފައިން މޮޓޯ ސްކިލްސް) އަދި ބޮޑެތި ޙަރަކާތްތަކުގެ ހުނަރު (ގްރޮސް މޮޓޯ ސްކިލްސް) އިތުރުކުރުވެގެންދާނެއެވެ. އަދި ބޭބީ ނާސަރީ ކުލާސްތަކުގެ ދަރިވަރުންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ޚާއްޞަ ޙަރަކާތްތަކެއްވެސް ކުރިއަށް ގެންދެވުނެވެ. 

 ޒިކުރާ ސްކޫލްގެ ޕްރިންސިޕަލް އަލްއުސްތާޛް އިބްރާހިމް ޝަމީމް ވިދާޅުވީ ''މިފެސްޓިވަލު ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ދަރިވަރުންގެ ހެދި ބޮޑުވުމުގައި ބޭނުންވާ އެކި ކަހަލަ ހުނަރު ތަރައްޤީކުރުމަށާއި ޖިސްމާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށާއި ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްކޮށް ތައުލީމް އުނގެނުމުގެ ގާބިލްކަން އިތުރު ކުރުމަށްކަމަށެވެ.''

މިފެސްޓިވަލުގައި ބޭއްވުނު ޙަރަކާތްތަކުން ވަނަވަނައަށް ދިޔަދަރިވަރުންނަށާއި ފެސްޓިވަލުގައި ބައިވެރިވި ކޮންމެ ދަރިވަރަކަށްވެސް ހިތްވަރު ދިނުމުގެ ގޮތުން ބައިވެރިކަމުގެ ބެޖާއި ހަނދާނީ ލިޔުމެއް ދެވުނެވެ.



ޒިކުރާ ސްކޫލުގައި ކޮންމެ އަހަރަކު ވެސް ބާއްވަވާ ސްޕޯޓްސް ފެސްޓިވަލް ދަރިވަރުންނާއި ގުޅުން ހުރި ހަރަކާތްތައް އިންތިޒާމުކުރުމުގައި އެސްކޫލުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢުގެ އެއްބާރުލުން ލިބޭކަން އެސްކޫލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު