ފުވައްމުލައް ހިމެނޭ ގޮތަށް ދެކުނުގެ ފަތުރުވެރިކަން ވަކި ޒޯނެއްގެ ގޮތުގައި ޕްރޮމޯޓު ކުރަނީ – ޑރ. މައުސޫމް

ދަޑިމަގޮ ފަންނު، ފުވައްމުލައް ސިޓީ / ފޮޓޯ: އަހުމަދު ޝާފިއު ދަޑިމަގޮ ފަންނު، ފުވައްމުލައް ސިޓީ / ފޮޓޯ: އަހުމަދު ޝާފިއު

ފުވައްމުލައް ސިޓީ ހިމެނޭ ގޮތަށް ދެކުނު ހަތަރު އަތޮޅުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާނީ ވަކި ޒޯނެއްގެ ގޮތުގައި ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. 

ފަތުރުވެރިކަމާ ބެހޭ ވަޒީރު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ޓޫރިޒަމަށް ހުޅުވާލި ބައެއް ބިން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރަން އައްޑޫ ސިޓީ ފޭދޫ ޓޫރިޒަމް ޒޯންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

"އައްޑޫ އާއި އެކު ސަދަން (ދެކުނު) ޒޯންގެ ގޮތުގައި ފުވައްމުލަކާއި ހުވަދު އަތޮޅު އަޅުގަނޑުމެން ޕްރޮމޯޓް ކުރާނީ. އެހެންވީމާ މި ޒޯން ވާނެ މޯލްޑިވްސްގެ އިތުރު ހިތްގައިމު ޑެސްޓިނޭޝަނަކަށް (މަންޒިލަކަށް)" – މިނިސްޓަރ މައުސޫމް

މި ރަސްމިއްޔާތުގައި ސްރީލަންކަން އެއާރލައިނުގެ ރާއްޖޭގެ އެޖެންޓް ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ ސްރީލަންކާ އާއި ގަން އަދި ޔޫއޭއީ (ޔުނައިޓެޑް އަރަބް އެމިރޭޓްސް) އާއި ގަމާއި ދޭތެރޭ ދަތުރު ފެށުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. ފިރާގު އިތުރަށް ވިދާޅުވީ އަމާޒަކީ ދެކުނުގެ އަތޮޅުތައް ހިމެނޭ މި ޒޯނުގެ 12000 (ބާރަ ހާސް) އެނދަށް ކޭޓަރ ކުރުން ކަމަށެވެ.

ޖިއޮގްރަފީ ގޮތުން ރާއްޖޭގެ އެންމެ ދެކުނު ހަތަރު އަތޮޅަކީ އައްޑޫ، ފުވައްމުލައް އަދި ހުވަދޫއެވެ. ހުވަދޫ އަތޮޅު އިދާރީ ގޮތުން ހިންގަނީ ދެބަޔަކަށް ބަހައި ހުވަދު އަތޮޅު އުތުރު ބުރި އާއި ދެކުނު ބުރި އަށް ބަހައިގެންނެވެ. އައްޑޫ އާއި ހުވަދޫގެ މެދުގައި އޮންނަ ފުވައްމުލަކަކީ އިދާރީ ގޮތުން ރާއްޖޭގެ ހަމައެކަނި އެއް ރަށެއްގެ މައްޗަށް އަތޮޅެއްގެ ގޮތުގައި ބަލާ ރަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ފުވައްމުލަކުގައި ފަތުރުވެރިކަން ކުރިއަރުވަން އެންމެ ފަސޭހަ އެއް ގޮތަކީ އަވައްޓެރި އައްޑޫ އާއި ހުވަދޫގެ ފަތުރުވެރިކަން ކުރިއަރުވާ އިރު އޭގެ ތެރޭގައި ފުވައްމުލައް ހިމެނިގެންނެވެ. މި ގޮތުން އައްޑޫ އަދި ހުވަދޫގައި ވައިގެ މަގުން އިންޓަރނޭޝަނަލް ދަތުރުތައް ފެށި ފުވައްމުލައް އެ ދެ ސަރަހައްދާއި ދަތުރުފަތުން މިހާރަށް ވުރެ ބޮޑަށް ގުޅުވާލުމުން ފުވައްމުލަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާ އަށް ގިނަ ވެގެން ދާނެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު