ފުވައްމުލައް ސިޓީ ކައުންސިލުން ރައްޔިތުންނަށް ކަންކަން ނުފޮރުވާނެ – މޭޔަރު އިސްމާއިލް ރަފީގު
ފުވައްމުލައް ސިޓީ ކައުންސިލުން ކަންކަން ސިއްރުކޮށް ރައްޔިތުންނަށް ނުފޮރުވާނެ ކަމަށް ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން ކަންކަން ފޮރުވައި ރައްޔިތުންނަށް ސިއްރުކުރަން މަސައްކަތްކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ އެމަނިކުފާނާއި އަދި ހުރިހާ ކައުންސިލަރުންގެ ވިސްނުމަކީ ވީހާވެސް ބޮޑަކަށް ކައުންސިލުން ކުރާ ކަންކަން ރައްޔިތުންނަށް އެނގޭނެ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.
އެގޮތުން ކައުންސިލްގެ ޖަލްސާތައް އާންމުންނަށް ސިއްރުން ބާއްވަން ބޭނުންވާ ވިސްނުމެއް އެއްވެސް ބޭފުޅަކު ނުގެންގުޅުއްވާ ކަމަށާއި އަދި ޖަލްސާތައް ލައިވް ކުރުމަށް ހުރަސް އަޅާ ފަރާތެއް ވެސް ނެތް ކަމަށެވެ.
ކައުންސިލްގެ ބައްދަލުވުންތައް ލައިވް ކުރުމަށް ހުރަހެއް ނެތް ކަމަށް ފާހަގަކޮށް ކައުންސިލުން ނިންމާ ނިންމުންތައް ރައްޔިތުންނާއި ހިއްސާ ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ދީފައެވެ. އެކަމަށްޓަކައި ކައުންސިލްގެ ވެބްސައިޓުގައި ފަސޭހައިން މައުލޫމާތު ހިއްސާކުރެވޭނެ ގޮތަކަށް ވެބްސައިޓަށް ބަދަލުތައް ގެނައުމަށް އިރުޝާދުދެއްވާފައިވާ ކަމަށެވެ.
މޭޔަރު ވަނީ އެމަނިކުފާނު ވައުދުވި ގޮތަށް މިހާރުގެ
ކައުންސިލަކީ ރައްޔިތުންގެ މަޝްވަރާ އާއި ބައިވެރިވުން އެންމެ ބޮޑަށް ހިމަނައިގެން
ހިންގާ ކައުންސިލަކަށް ހަދާނެ ކަމުގެ ވައުދު ތަކުރާރުކުރައްވާފައެވެ. އަދި ހުރިހާ
ކައުންސިލަރުންގެ ވިސްނުމަކީވެސް އެއީ ކަމަށް ވިދާޅުވެ ހާމަކަން ބޮޑު ގޮތަކަށް
ހިނގާ ކައުންސިލަކަށް ވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.