މިސްކިތްތަކާއި އިމާމުންގެ ދައުރު ފުޅާ ވާން ޖެހޭ - އިސްމާއިލް ރަފީގު
މިސްކިތްތަކާއި މިސްކިތުގެ އިމާމުންގެ ރޯލު މިހާރަށް ވުރެ ފުޅާ ވާން ޖެހޭ ކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއިލް ރަފީގު (އިއްސޭ) ވިދާޅުވެއްޖެއެވެ.
އެޕްރީލް 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރަން އޮންލައިންކޮށް ބޭއްވި ވާރޗުއަލް ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްމާއިލް ރަފީގު ވަނީ ދީނަށް ލޯބިކުރާ ރައްޔިތުންތަކެއް ބިނާކުރުމަށްޓަކައި އޭނާ ހުންނަ ކައުންސިލަކުން ކުރަން ހިޔާލުކުރާ ބައެއް ކަންކަން ހިއްސާކޮށްފައެވެ.
މިގޮތުން އެކި އުމުރުފުރާތަކަށް ދީނީ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން މިސްކިތްތަކުގެ ރޯލު ފުޅާކޮށް މިސްކިތަކީ ދީނީ އަދި އިޖުތިމާއީ ރޫހު އާލާކުރާ ތަނަކަށް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި އިމާމުންގެ ޒިންމާތައް ވެސް އިތުރުކުރަންޖެހޭ ކަމަށް އިސްމާއިލް ފާހަނގަ ކުރިއެވެ.
އިސްމާއިލް ވަނީ މީގެ ކުރިން ވެސް އޭނާގެ މެނިފެސްޓޯގައި ރައްޔިތުންގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތައް ހިންގާނެ ކަމަށާއި އަދި މިސްކިތްތަކަކީ ހަމަ އެކަނި ނަމާދު ކުރާތަނެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި މިސްކިތްތަކުގައި ދީނީ ހޭލުންތެރިކަމާއި ތަރުބިއްޔަތު ކުރުމުގައި އަދި އިޖްތިމާއީ ގުޅުން ބަދަހި ކުރުމުގެ ރޯލެއް އޮންނަ ތަނަކަށް ހެދުމުގެ މުހިންމުކަން ފާހަނގަކޮށްފައެވެ.
ރޭގެ ޖަލްސާގައި ފުވައްމުލަކުގައި ހައްލުކުރަން ހުރި ކަންކަމާއި ރަށަށް ކޮށްދެވޭނެ މުހިންމު ކަންކަމުގެ މައްޗަށްވެސް އިސްމާއިލްގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިގްތިސާދީ ގޮތުން ރަށަށް ކުރިއެޔުން ގެނައުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންކަން ވާހާކައިގައި ބަޔާންކުރިއެވެ.
އިޖުތިމާއި ދާއިރާއިން ވާހަކަ ދައްކަމުން އިސްމާއިލް ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ކައުންސިލްގެ ރޯލު މުހިންމު ކަން ފާހަނގަކޮށްފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުން އެކަން ކަމަށް ވިސްނައި ކައުންސިލް ހިންގުމުގައި ދެފުށް ފެންނަ ގޮތަށް ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިނެވެ.