ސިޓީ ކައުންސިލްގެ މެމްބަރުންނަށް ވަގުތު ދީގެން ތިބެންވީތަ؟

ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އާއި ކައުންސިލްގެ މެމްބަރުން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އާއި ކައުންސިލްގެ މެމްބަރުން

“މިކައުންސިލް ތަފާތު ދައްކާނެ. މިކައުންސިލްވާނީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާ ގާތުން, ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކޮށް, ރަށަށް ތަރައްގީއާއި ކުރިއެރުން ގެނެސްދޭނެ ކައުންސިލަކަށް”

މިއީ ކައުންސިލް އިންތިޚާބުގެ ތެރޭގައި, ވޯޓު ހޯދަން ކެންޑިޑޭޓުން ދައްކަމުން ދިޔަ ވާހަކަތަކެވެ. އަދި ޕާޓީތަކުގެ މެމްބަރުންވެސް ބުނަމުންދިޔައީ މިހެންނެވެ.

ޖޯޝާ ފޯރީގައި ނުކުމެ ކެމްޕޭންކޮށް އެމްޑީޕީއަށް ކައުންސިލްގެ މެޖޯރިޓީ އަނެއްކާވެސް ފުވައްމުލަކު ރައްޔިތުން ހޯދައިދީފިއެވެ. މާޒީވެދިޔަ ކައުންސިލްތަކުގެ މެމްބަރުންނަށްވުރެ މިފަހަރު އިންތިޚާބުވި މެމްބަރުން, ރައްޔިތުންނަށް އިޚްލާސްތެރި ވާނެކަމާއިމެދު ޝައްކުކުރުމެއް ނެތިއެވެ.

ކުރިމަތިލާފައި ތިބި މީހުންގެ ތަޖުރިބާއާއި ހުނަރު ހުރިކަމަށް ޔަގީންކޮށްގެންނެވެ. ގާބިލު ކަމަކަށް އަޅުގަނޑު ނުބުނާނަމެވެ. އެހެނީ މީހަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން ގާބިލުތޯ ނޫންތޯ އެނގޭނީ އެމީހާ ވަޒީފާ އަދާކުރަން ފެށުމުން ކަމަށްވާތީއެވެ.

ސިޓީ ކައުންސިލް ހަގީގަތުގައިވެސް މިފަހަރު ތަފާތެވެ. މިއީ މުޅި ސިޓީގެ ރައްޔިތުންގެ ވޯޓަކުން މޭޔަރަކު އިންތިޚާބުކުރި ފުރަތަމަ ފަހަރެވެ.

 ކުރިން މޭޔަރު ނުވަތަ ކައުންސިލްގެ ރައީސްއަކީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާމީހެކެވެ. މި ނިޒާމުގައި ކައުންސިލްގެ ތެރޭގައި މޭޔަރާމެދު ހިތްހަމަ ނުޖެހޭ, ނުވަތަ މޭޔަރުކަމަށް ފެންބޮވައިގެންފައިހުރި އެހެން ކައުންސިލަރަކު ހުރިކަމަށްވާނަމަ, އެހެން މެމްބަރުން ހައްލާލައިގެން މޭޔަރުގެ ނުވަތަ ކައުންސިލް ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގައި, އެމީހާ މަގާމުން ދުރުކުރުމަކީ ފަސޭހަ ކަމެކެވެ.

މާޒީގައި އެހެން ރަށްރަށުގައި މިގޮތަށް ކަންކޮށްފައި އެބަހުއްޓެވެ.

މިހާރު މިއޮތް ފުވައްމުލައް ސިޓީކައުންސިލްގެ ދައުރު ފެށުނު ދުވަހުވެސް ތަފާތު ދައްކައިފިއެވެ. ކައުންސިލް ހުވާކުރުމަށްފަހު ބޭއްވި އާއްމު ބައްދަލުވުމުގެ އެންމެ ފުރަތަމަ އެޖެންޑާއަކީ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ވޯޓެވެ. މިވޯޓުގައި, ކައުންސިލްގެ ރިޔާސަތުގައި އިންނެވި ކައުންސިލްގެ މޭޔަރުވެސް ވޯޓުގައި ބައިވެރިވެ ވޯޓުދެއްވިއެވެ. ވޯޓު އެއްވަރުވުމުން ޓައި ބުރޭކަށް ނުގޮސް, ދެވަނަަ ފަހަރު ވޯޓުލީ އިރުވެސް ކައުންސިލްގެ ރިޔާސަތުން ވޯޓުގައި ބައިވެރިވިއެވެ. ދެވަނަ ބުރުގެ ވޯޓު އެއްވަރުނުވެ, ޓައިބުރޭކުކުރަން ނުޖެހި, ޑެޕިއުޓީ މޭޔަރު ހޮވުނީއެވެ.

ޤާނޫނު ނަންބަރު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން, ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިންތިޚާބުކުރާނީ ކައުންސިލްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި  ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. 

ސުވާލަކީ "ސިޓީކައުންސިލްގެ މެމްބަރުން" ގެތެރޭގައި މޭޔަރު ހިމެނޭނެތޯއެވެ? ހިމެނޭ ކަމަށްވާނަމަ, ކައުންސިލްގެ ބައްދަލުވުންތަކުގައި ރިޔާސަތުގައި އިންނަވައިގެން ކޮންމެ ވޯޓެއްގައި ބައިވެރިނުވެވެންވީ ކީއްވެތޯއެވެ. ކައުންސިލްގެ ރިޔާސަތުގައި އިންނަވައިގެން މޭޔަރު ވޯޓުގައި ބައިވެރިވުމުން ސިޓީއަށާއި ރައްޔިތުންނަށް ގެއްލުންވަނީތޯއެވެ? ޑެޕިއުޓީ މޭޔަރު އިންތިޚާބުކުރުމުގެ ވޯޓުގައި, ޓައިބްރޭކް ކުރުމަށް ދަތިތަކެއް ދިމާނުވެފައި, އެހެން ވޯޓުތަކުގައި ދަތިތަކެއް ދިމާވާނެކަމަށް ބުނީމާ އެވާހަކަ ގަބޫލުކުރަންވީތޯއެވެ.

އަނެއް ކަމަކީ ޑެޕިއުޓީ މޭޔަރުގެ ވޯޓުގައި ކައުންސިލްގެ ރިޔާސަތަށް ވޯޓުގައި ބައިވެރިވެވިފައި, ޖެހިގެން އައި އާއްމު ބައްދަލުވުމުގައި ކައުންސިލްގެ ރިޔާސަތަށް ވޯޓުގައި ބައިވެރި ނުވެވުނީ ކޮން ގަވައިދެއްގެ ދަށުންތޯއެވެ? މިއީ މިކައުންސިލް ތަފާތު ދައްކާނެކަމަށް އެބުނާ ބުނުމުގެ ދަށުން ނިންމި ނިންމުމެއްތޯއެވެ?

ސިޓީ ކައުންސިލްގެ ކެމްޕޭންގައި އެންމެ އަޑުގަދަކޮށް ކެންޑިޑޭޓުންނާއި, އެބައިމީހުންނަށް ވޯޓުހޯދަން މަސައްކަތްކުރި މީހުން ބުނަމުންދިޔައީ, މިކައުންސިލް ނަޒާހަތްތެރިވާނެ ކަމަށެވެ. ކުރީގެ ކައުންސިލަރުންނާއި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާ ޚިލާފަށް, މި ކައުންސިލަރުން އޮފީހަށް ގަޑިއަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައްޔިތުންގެ އަޑު އަހާނެކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައި ރައްޔިތުންގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. ރައްޔިތުން އެދޭ ތަރައްގީއާއި ކުރިއެރުން ގެނެސްދޭނެ ކަމަށެވެ.

މޭޔަރ އިސްމާއީލް ރަފީގު ކެމްޕޭންގެ ފަހު މެސެޖެއްގެ ގޮތުގައި ވިދާޅުވެފައިވެއެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓަކީ, މީހަކަށް ކޮށްދޭ ހެޔޮކަމެއް ނޫނެވެ. އަދި ކޮށްދިން ހެޔޮކަމަކަށް ދޭ ބަދަލެއްވެސް ނޫނެވެ. އެއީ މީހަކަށްދޭ އިނާމެއްނޫނީ ހަދިޔާއެއްވެސް ނޫނެވެ. އެވޯޓަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި މަސައްކަތްކުރާނެ ބަޔަކު ހޮވަން ނަގާ ވޯޓެކެވެ. އަހަރެމެންގެ މުސްތަގުބަލާމެދު އަހަރެމެން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދަން ނަގާ ވޯޓެެކެވެ. ހުރިހާ އެންމެން ބައިވެރިވެގެން, މިރަށަކީ ހުރިހާ ގޮތަކުން ނަމޫނާ ސިޓީއަކަށް ހަދަމާ ހިނގާށެވެ".

 މިތަނުގައި ފާހަގަ ކޮށްލަން ޖެހެނީ ނަމޫނާ ސިޓީއަކަށް ހަދަން މޭޔަރ ގޮވައިލެއްވިކަމެވެ. މާނަޔަކީ އެހެން ސިޓީތަކުން ކަންތައް ކުރާގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި, އެހެންސިޓީތަކަށް ނަމޫނާ ދެއްކުމެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ދެވަނަ އާއްމު ބައްދަލުވުމުގައި ނިންމި ނިންމުންތަކެއްގެ ސަބަބުން ކައުންސިލަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ. މިކަން ފެށުނީ, ކައުންސިލްގެ ޖަލްސާތައް ފޭސްބުކް މެދުވެރިކޮށް ލައިވްކުރަން, ޑެޕިިއުޓީ މޭޔަރު ހުށަހެޅުއްވި ހުށަހެޅުމަށް ކައުންސިލްގެ މެމްބަރުންގެ ތާއީދު ނުލިބުމުން ކޯފާ އިސްކުރައްވައި, ފޭސްބުކްގައި އެވާހަކަ ހާމަކުރެއްވި ހިސާބުންނެވެ. އެކަމުގެ ތެރެއިން ނިއުޅިގެންދިޔައީ އެއަށްވުރެ ރައްޔިތުން މާބޮޑަށް ރުޅިއައި ކަންތަކެކެވެ. ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓަންވާނީ ކައުންސިލްގެ އެހެން މުވައްޒަފުން ބޭނުންކުރާ އިލެކްޓްރޯނިކް ސިސްޓަމްގެ ބަދަލުގައި މެނުއަލް ސިސްޓަމް, ނުވަތަ މިހާރު މަޝްހޫރުވެފައިވާ 'އެކްސެލް ޝީޓް' ކަމަށް ހެދުމާއި, ކައުންސިލްގެ ރިޔާސަތުގައި އިންނަވައިގެން މޭޔާރަށް ވޯޓުގައި ބައިވެރި ނުވެވޭގޮތަށް ނިންމުމެވެ.

މިނިންމުންތަކާއި ގުޅިގެން ސޯޝަލް މީޑިއާ, ވަކިން ޚާއްސަ ގޮތެއްގައި ފޭސްބުކްގައި ރައްޔިތުން ނުރުހުން ފާޅުކޮށް ޝުއޫރު ފާޅުކުރިއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަލިބޭ ހަމަ ކޮންމެ މުވައްޒަފަކުވެސް ގަޑިއަށް އޮފީހަށް ހާޒިރުވާން ވާނެކަމަށް ބުނެ, ފޭސްބުކްގައި ރައްޔިތުން ލިޔުނެވެ. ހާޒިރީގެ ކަންކަމުގައި ކައުންސިލްގެ އެހެން މުވައްޒަފުންނާއި ކައުންސިލަރުންނާއި ތަފާތުކޮށްގެން ނުވާނެކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ބައެއް ކައުންސިލަރުންގެ ވިސްނުމުގައި, ސޯޝަލް މީޑިއާގައި އުޅޭ "ހައެއްކަ ބޯވަ" ލިޔާ އެއްޗަކަށް ކައުންސިލަރުން ބޯލަނބާކަށް ނުޖެހެއެވެ.

އެހެންނަމަވެސް, ކުރިމަތިވި ޕްރެޝަރާއެކު ޖެހިގެން އައި ބައްދަލުވުން ފޭސްބުކުން ލައިވްކޮށް, ހާޒިރީއާ ބެހޭގޮތުން ނިންމި ނިންމުން ބާތިލްކުރިއެވެ. ނަމަވެސް ހާޒިރީއާ ބެހޭގޮތުން ނިންމި ނިންމުން ދިފާއުކޮށް ކުރީގެ ނިންމުމަށް ވޯޓުދިން އެމްޑީޕީ ކައުންސިލަރުން މިބައްދަލުވުމުގައިވެސް ވާހަކަދެއްކިކަން ފާހަގަކޮށްލަން ޖެހެއެވެ.

 ކައުންސިލްގެ ރިޔާސަތަށް ވޯޓުދެވޭގޮތަށް ޕީޕީއެމްގެ ކައުންސިލަރަކު އިސްލާހު ހުށަހަޅާނެ ކަމަށް އަޑުއިވިފައި އޮތަސް, އެކަން އެގޮތަކަށް އެބައްދަލުވުމުގައި ނުކުރެއެވެ.

ރައްޔިތުންގެ ޕްރެޝަރާއިހެދި ހާޒިރީގެ ނިންމުން ބަދަލުކުރަން ޖެހުމަކީ ބައެއް ކައުންސިލަރުންނަށް, ވަކިން ޚާއްސަކޮށް, ޑެޕިއުޓީ މޭޔަރަށް ބަރުދާސްތުކުރަން އުނދަގޫވި ކަމެކެވެ. ޖަޒްބާތު ބަންޑުންވެ, ފޭސްބުކްގައި އެކިއެކި މީހުންނަށް އެބޭފުޅާ ދެމުންދިޔަ "ހަރުކަށި" ރައްދުތަކުން މިކަން ހާމަވެގެން ދިޔައެވެ. ބައެއް މީހުންގެ ނަޒަރުގައި އެބޭފުޅާގެ "އަސްލު ސޫރަ" ދައްކާލީއެވެ. ބައެއް ކައުންސިލަރުން ބުނާގޮތުން, ރައްޔިތުން އެމީހުންނަށް ވޯޓުދީ, އިންތިޚާބުކުރާ ހިސާބުން ރައްޔިތުންގެ ޒިންމާއާއި, ބާރު ނިމުނީއެވެ. ޑެޕިއުޓީ މޭޔަރުގެ ބަހުން ނަމަ, ކައުންސިލަރުންގެ ވާޖިބު އެމީހުންނަށް އަދާ ނުކުރެވުނުނަމަ, 5 އަހަރުގެ ދައުރު ނިމުމުން އެމީހުންނާ ދެކޮޅަށް ވޯޓުދޭން މަޑުކޮށްލައިގެން ތިބުން ނޫން ގޮތެއް ރައްޔިތުންނަކަށް ނެތެވެ. މިނަޒަރިއްޔާތުގެ ދަށުން އެމީހުން ރައްޔިތުންގެ ބޮލަށް ވައްދައިދޭން މަސައްކަތްކުރަނީ, ކައުންސިލަރުންނަށް ވަގުތުދޭންޖެހޭ ކަމަށެވެ. އަދި މަހެއް ނުވާއިރު އެވަރަށް ފާޑުކިޔަންވޭ ހެއްޔެވެ?

ޖަވާބަކީ އާނއެކެވެ. ކައުންސިލަރުން, ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާއި ޚިލާފަށް ކަންކަން ކުރިޔަސް ބަހެއް ނުބުނެ, 5 އަހަރުވަންދެން ބަލަން ތިބެގެން ނުވާނެއެވެ. ހާޒިރީއިން މަކަރު ހެދޭގޮތަށް ފާސްކުރުމާއި, ފޭސްބުކް ލައިވްކުރަން ތާއީދުނުކުރުމާއި, މުޅި ރަށުގެ ރައްޔިތުންގެ(14000 އެއްހާ އާބާދީގެ) އަޣުލަބިއްޔަތުން ހޮވާފައި ހުރި މޭޔަރަށް ރިޔާސަތުގައި އިންނަވައިގެން ވޯޓުގައި ބައިވެރި ނުވެވޭގޮތަށް ނިންމުމަކީ އެކަމާމެދު އެއްޗެއް ނުބުނެ ހަނު ތިބެން ހެޔޮވާވަރު ކަންތަކެއް ނޫނެވެ. އެއީ އެކަށިގެންވާ ވަގުތު ނުލިބިގެން ހެދި ގޯސްތަކެއް ނޫނެވެ. ވަގުތުދޭން ޖެހެނީ ތަރައްގީގެ މަސައްކަތްތައް ކުރުމަށެވެ. އެފަދަ ކަމެއް ނުވެގެން ރައްޔިތުން ފާޑުކިޔައި ޝަކުވާކުރާ ތަނެއް އަދި ނުފެނެއެވެ.

ރިޔާސަތުގައި އިންނަވާ މޭޔަރަށް, ކައުންސިލްގެ ބައްދަލުވުންތަކުގައި ގޮތްނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓު އެއްވަރުވުމުން ނޫނީ ރިޔާސަތަށް ވޯޓު ނުލެވޭ ގޮތަށް ނިންމި ނިންމުމަކީ ރާވައިގެން, އަމިއްލަ އެދުންތަކެއް ހާސިލްކުރުމަށްޓަކައި, އެހެން ކައުންސިލަރުންގެ ފައިދަށަށް މޭޔަރ ސަލާންޖަހަން ދާން ޖެހޭގޮތަށް ހެދުމަށް ނިންމި ނިންމުމެކެވެ. ސަބަބަކީ ސިޓީ ކައުންސިލްގެ ގާނޫނު މިހާރު އޮތްގޮތުން, ސިޓީ ހިންގުމުގެ ހުރިހާ އިދާރީ ބާރެއް ގާނޫނުން ލިބެނީ މޭޔަރަށް ކަމަށްވުމެވެ. މޭޔަރު ކައުންސިލްގެ ރިޔާސަތުގައި އިންނަވާ މޭޔަރަށް ޓައިބުރޭކްގައި ނޫނީ ވޯޓުނުދެވޭ ގޮތަށް ހެދުމަކީ 14000 ރައްޔިތުންގެ ހައްގުގައި ކޮޅުފައިން ޖެހުމެވެ. 14000 ރައްޔިތުންގެ އަތުގައި ބިޑިއަޅުވައި ހަރަކާތް ކުރުމުގެ ބާރު ދަށްކުރުމެވެ.

ފުވައްމުލައް ސިޓީގެ 14000 ރައްޔިތުންނަށް ހައްގު މިންވަރަކީ 5 އަހަރުން 5 އަހަރުން ވޯޓުލުން އެކަންޏެއް ނޫނެވެ. ދިވެހި ރާއްޖޭގެ ގާނޫނުއަސާސީއާއި, ލާމަރުކަޒީ ގާނޫނުގައި ރައްޔިތުންނަށް ދީފައިވާ ހަމައެކަނި ހައްގަކީ, އަދި ބާރަކީވެސް އެއީއެއްނޫނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު
ޤާސިމް އަލީ
ސިޔާސީ ބޮލުން ކުޅެލީ ދޯ. ޙަޖަމު ނުވެގެން