ފުވައްމުލަކުގައި އެކްޓިވް ކޭސްތަށް އެންމެ ގިނައީ މިސްކިތްމަގު އަވަށުގައި

ފުވައްމުލަކުގައި އެކްޓިވް ކޭސްތަށް އެންމެ ގިނައީ މިސްކިތްމަގު އަވަށުގައި ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ކޮވިޑް މަޢުލޫމާތު ހިއްސާކުރާ ވެބްސައިޓުގައިވާގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އެކްޓިވް ކޭސްތަށް އެންމެ ގިނަކަމަށް ދައްކަނީ ފުވައްމުލަކު މިސްކިތްމަގު އަވަށުގައެވެ. އެގޮތުން މިސްކިތްމަގުގައި އެކަނި 28 އެކްޓިވް ކޭސް، މާދަޑުގައި 3 ކޭސް، އަދި ހޯދަޑު އަދި ދިގުވާނޑުގައި ވަނީ އެންމެ މީހެއްކަން ފާހަނގަ ކުރެވެއެވެ. އަދި މާލެގަން އަދި ދަނޑިމަގުގައި އެއްމެ ކޭހެއްވެސް ނެތްކަން ފާހަނގަ ކުރެވެއެވެ.
11-07-2021 ވަނަ ދުވަހުގެ ހިސާބުތަކަށް ބަލާލާއިރު އަލަށް ޕޮޒިޓިވް ވެފައިވަނީ އެއްމެ ދިވެއްސެކެވެ. އެއީ ކޮންޓެކްޓް ޓްރޭސިންގ އިން ނެގުނު ސާމްޕަލް އަކުން ލިބިފައިވާ ނަތީޖާއެކެވެ. އެހެންކަމުން މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 26 ދިވެހިންނާއި 10 ބިދޭސިންނެވެ. މުޅި ޖުމްލަ 36 މީހުން ފުވައްމުލަކުގައި މިހާރު ވެސް އެބަތިއްބެވެ.
އަދިވެސް ފުވައްމުލަށް އޮތީ މޮނިޓަރިންގ ގެ ހާލަތުގައެވެ. އަދި ރޭގަނޑު 9ން ފެށިގެން ފަތިހު 4 ޖެހުމާ ދެމެދު ވަނީ ކާފިއު ހިންގާފައެވެ.
އެހެނިހެން ހިސާބުތަކަށް ބަލާލާއިރު ޖުމްލަ ނެގުނު ސާމްޕަލްގެ އަދަދަކީ 17،805 އެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 793 އެވެ. އޭގެ ތެރެއިން މިހާތަނަށް 758 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ފުވައްމުލަކުން މި ބައްޔަށް މަރެއް ނުވާކަން ފާހަނގަ ކޮށްލެވެއެވެ.