Advertisement

ކޮވިޑް19 ފުވައްމުލައް ސިޓީ: މިއަދު 26 މީހުން ޕޮޒިޓިވް، ގިނައީ ބިދޭސީން

މިހަފްތާގައި ފުވައްމުލައް ސިޓީ އިން ގިނަ އަދަދެއްގެ ބިދޭސިން ކޮވިޑް19 އަށް ޕޮޒިޓިވްވެ، ބިދޭސީންގެ ޕޮޒިޓިވްވި އަދަދު 42 ޕަސެންޓަށް އަރާފައިވާ ކަމަށް ފުވައްމުލައް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

Advertisement

މިފަހަކަށް އައިސް ފުވައްމުލައް ސިޓީ އިން ގިނަ އަދަދެއްގެ ބިދޭސީން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް 14 ބިދޭސީން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިވަގުތު 80 ބިދޭސީން ކޮވިޑަށް ޕޮޒިޓިވްވެފައި އެބަތިއްބެވެ. ފަރުވާ ދިނުމުގައި ބިދޭސީއެއް ދިވެއްސެއް ތަފާތު ނުކޮށް އިންސާނިއްޔަތުކަން އިސްކޮށް ދިވެހިންނަށް ފަރުވާ ދޭ އުސޫލުން ބިދޭސީންނަށް ވެސް ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސިޓީ ކައުންސިލް މެންބަރު އަބްދުﷲ ނާސިރު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވް ވަމުން ދާތީ ގޭގެއަށް ބިދޭސީން މަސައްކަތް ކުރުމަށް ގެނައުން މީގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މަނާ ކޮށްފައެވެ. އެހެން ނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބައެއް ކުންފުނިތަކުގެ ވެރިން ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނު ކޮށްފައިވާ ބިދޭސީންނަށް މަޖުބޫރު ކޮށްގެން މަސައްކަތަށް ނެރެމުންދާ ކަމަށް ފާހަގަ ވެފައިވާ ކަމަށް ފުވައްމުލައް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއެވެ. އަދި އެފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ދީފައެވެ.

މިރޭގެ ޕްރެސްގައި ފުވައްމުލައް ސިޓީގައި ކޮވިޑް19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަންޖެހިދާނެ ކަމުގެ އިޝާރާތެއް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ދީފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ފިޔަވަޅުތަކާއި ހިލާފަށް އުޅެމުންދާ ކަމުގެ ތަފާތު ރިޕޯޓްތައް ކަމާއި ބެހޭ ފަރާތްތަކަށް ލިބެމުންދާ ކަމަށް ޕްރެސްގައި ސިޓީ ކައުންސިލްގެ ޑިރެކްޓަރ ނިޖާހު ވިދާޅުވިއެވެ.

ފުވައްމުލައް ކޮވިޑް19 ތަފާސް ހިސާބު – 04 ޖޫން 2021

މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު: 26

މިވަގުތު އެކްޓިވް ކޭސް އަދަދު: 199

މިހާތަނަށް ނެގުނު ސާމްޕަލްގެ އަދަދު: 12902

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު: 564

ރަނގަޅުވި މީހުންގެ އަދަދު: 366

ފުވައްމުލައް ކޮވިޑް ފެސިލިޓީގައި އެޑްމިޓު ކުރެވިފައިވާ މީހުންގެ އަދަދު: 0

ރީޖަނަލް ކޮވިޑް ފެސިލިޓީގައި އެޑްމިޓު ކުރެވިފައިވާ މީހުންގެ އަދަދު: 3

Advertisement
ކިޔުންތެރިންގެ ހިޔާލު