ފުވައްމުލަކުގައި ހައްލުނުވެ އޮތް ސިއްޚީ ނިޒާމުގެ ތެރެއިން މިވަނީ އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް

ޒަމާނުއްސުރެ ފުވައްމުލަކުގައި ހައްލުނުވެ އޮތް ސިއްޙ ނިޒާމުގެ ތެރެއިން މިވަނީ އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ފެންމަތިވެގެން ގޮސްފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހަދާފަ ފޮނުވާލާފައި ފަހުން ތަދުވާތީ ހޮސްޕިޓަލަށްގޮސް ދެއްކުމުން ބުނީ ކަމެއް ނެތް ކަމަށެވެ. ދެން އަނެއްކާވެސް ތަދުވާތީ ކެތް ނުވެގެން ދިއުމުން އެޑްމިޓް ކުރީވެސް ވަރަށް މަސައްކަތުން އެތަށް ޒުވާބެއް ކޮށްގެންނެވެ. އަދި އެޑްމިޓް ކުރިތާ 1 ދުވަސް ނުވަނީސް ދޫކޮށްލިއެވެ. އޭގެ ފަހުން އަނެއްކާވެސް ތަދުވާތީ ކެތްނުވެގެން ހޮސްޕިޓަލަށް ދިޔައެވެ. ދިއުމުން ސްކޭނެއް ހެދުމަށްފަހު ބުނީ ދުޅަވެފަހުރި ކަމަށެވެ. ދެން ހޮސްޕިޓަލުން އެންގީ އެމެޖެންސީކޮށް ފުރުމަށެވެ. ފުވައްމުލަކު ހޮސްޕިޓަލުން ބުނަނީ ޖެހިފައި ހުރީ ބައްޔެއް ކަމަށެވެ.
މާލެ ދިއުމަށްފަހު ދެއްކުމުން އައިޖީއެމް އެޗް އިން ބުނީ ގޮހޮރު ހުރީ ކަނޑައިގެން ގޮސްފައި ކަމަށެވެ. އަދި ޖެހިފައި ހުރީ ބައްޔެއް ނޫން ކަމަށާއި އެބުނާ ބައްޔަކީ މުސްކުޅި އުމުރުގެ މީހުންނަށް ޖެހޭ ބައްޔެއް ކަމަށެވެ. މި އުމުރުގައި މިކަހަލަ ބައްޔެއް ނުޖެހޭނެ ކަމަށެވެ. މިއީ ސިރޭރިއަން ހެދި ހެދުމުގައި ދިމާވެފައި ހުރި ކަމެއް ކަމަށެވެ. ދެން ޑޮކްޓަރުން އެދުނީ އެންޓިބައިޓިކްސް ދެދުވަސް ވަންދެން ދިނުމަށެވެ. ދިނުމުންވެސް ރަނގަޅު ނުވެގެން އެންމެފަހުން 14-07-2021 ވަނަ ދުވަހުގެ ރޭ 9 ޖެހި އިރު އޮޕަރޭޝަން ކުރީ ކަމަށެވެ. ނިމުނީ މެންދަމު 1 ޖަހާކަންހާއިރު އެވެ. ނިމިގެން ބަލާލި އިރު ބަނޑު ތެރޭން ނަގާފައިވާ ތަކެތީގެ ތެރޭގައި ބެންޑޭޖް ވެސް ހުރި ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. މި ބެންޑޭޖްގަނޑު ގޮހޮރުގައި ޖެހިފައި ހުރިތަން ހުރީ ދޮސްލާ ހަލާކުވެފައެވެ. އެހެންކަމުން އެސަރަހައްދު ޖެހުނީ ބުރިކޮށްފައި ނަގާށެވެ. ވަރަށް އަސަރާއި އެކު ކިޔާދެމުން ވާހަކަދެއްކި މީހާ ކިޔާދިނެވެ.
2 މަހުގެ ތުއްތު ކުއްޖެއްގެ މަންމައަކަށް ލިބުނު މި އަނިޔާގެ ޒިންމާ ކޮންމެވެސް ބަޔަކު ނަގަން ޖެހޭނެ ކަމަށް ޢާއިލާއިން ދެކެއެވެ. ހަމަ ގައިމުވެސް މިކަމުގެ އަސަރު ކުރާނީ ހަމައެކަނި މައިމީހާއަށް އެކަނި ނޫނެވެ. 2 މަހުގެ ތުއްތު ކުއްޖާއަށް ކުރާ އަސަރުވެސް ވަކި ކުޑައެއް ނުވާނެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ކަންކަން ދޯދިޔާވާހަކަ އަބަދުވެސް ނޫސްތަކުންނާއި ސޯޝަލްމީޑިއާއިން ފެންނަމުން ދެއެވެ. ނަމަވެސް މިހާތަނަށް މާބޮޑު ބަދަލެއް އަންނަތަނެއް ފެނިގެން ނުދާކަމީ ހިތާމަ ހުރި ކަމެކެވެ. މިކަމުގައި "ރަށިކަބަރޮ" އިން ހޮސްޕިޓަލް މެނޭޖަރަށް ގުޅޭތޯ ކުރި މަސައްކަތް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ފުވައްމުލައް ސިޓީއެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުމުގެ އިތުރުން ފުވައްމުލަކުން ލިބެން ހުންނަން ޖެހޭނެ ޚިދުމަތެއް ކަމުގައި ހިމެނިގެންވާ ތާޝަރީ ހޮސްޕިޓަލް އަދިވެސް ވީހިސާބެއް ނޭގެއެވެ. ހަމަ ގައިމުވެސް ފުވައްމުލަށް ސިޓީއަކަށް ބަދަލު ކުރި ފަހުން މިހާރު ހިނގަމުން މިދަނީ ދެވަނަ ރިޔާސީ ދައުރު ކަން ފާހަނގަ ކުރަން ޖެހެއެވެ.