ފުވައްމުލަކު ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރު ވަގުތުން މަސައްކަތުން އެކަހެރި ކުރުމަށް އެދިއްޖެ

ފުވައްމުލަކު ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރު ވަގުތުން މަސައްކަތުން އެކަހެރި ކުރުމަށް ކައުންސިލްގެ ފަރާތުން ހެލްތް މިނިސްޓްރީއާއި ހޮސްޕިޓަލުގައި އެދިއްޖެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މިރޭ ނެރުނު ނޫސް ބަޔާނުގައި ވާގޮތުން 15 ވަނަ ދުވަހު ކައުންސިލުން ހޮސްޕިޓަލާއި އެކު ބޭއްވުނު ކުއްލި ބައްދަލުވުމުގައި ވަނީ މި މައްސަލާގައި ވަރަށްގިނަ މަޝްވަރާކޮށްފައެވެ. އެގޮތުން ކަންބޮޑުވުން މިހާރުވަނީ ހެލްތު މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމްއާއި ވެސް ޙިއްސާ ކޮށްފައެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވީ މިހާރު ޑޮކްޓަރ ވަނީ ސިޒޭރިއަން ހެދުމުން އެކަހެރި ކުރެވިފައި ކަމަށާއި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ހާލަތެއްގައި އައްޑޫ ނުވަތަ މާލެއައް އެމެޖެންސީގައި ފޮނުވާލާނެކަމަށެވެ. މީގެ ފަހުން މި ޑޮކްޓަރު ލައްވާ ފުވައްމުލަކުގައި ސިޒޭރިއަންއެއް ނަހަދާނެ ކަމުގެ ޔަޤީންކަން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހްމަދު ސަޢީދު ދެއްވިއެވެ. އަދި އިތުރަށް ވިދާޅުވީ މިހާރުވެސް ފުވައްމުލަކަށް އެހެން ޑޮކްޓަރެއް ގެނެވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަމަ އެއާއި އެކު މިހާރު ހުރި ޑޮކްޓަރުގެ މައްސަލަ ހެލްތު މިނިސްޓްރީއާއި ގުޅިގެން ބަލަމުންދާ ކަމަށެވެ. އެގޮތުން ނަގަން ޖެހޭ ބަޔާންތަށްވެސް ނަގަމުންދެއެވެ. އަދި މިދަނޑިވަޅުގައި ކުއްލިއަކަށް ފުރުވާލުންވެސް އެއީ އެންމެ ރަނގަޅު ނޫން ގޮތަކަށްވެސް ވެދާނެ ކަމަށް މެނޭޖަރ ފާހަނގަ ކުރެއްވިއެވެ. އެގޮތުން ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ތަހުޤީގު ނިންމާފައި ފުރުވާލުން ކަމަށެވެ. އަދިވެސް އަހުމަދު ސައީދު ވިދާޅުވީ މި މައްސަލައިގެ އިތުރުން އެހެން މައްސަލަތަކެއްވެސް ބަލަމުންދާ ކަމަށާއި، ޑޮކްޓަރުންގެ އިތުރުން މިމައްސަލާގައި ޝާމިލުވާ ހުރިހާ ފަރާތްތަކާއިވެސް ސުވާލު ކުރާނެ ކަމަށެވެ. އޭގެ ބޭނުމަކީ ކުރިއަށް އޮތްތާނގައި މިފަދަ ކަންތަށްތަށް ތަކުރާރު ނުވާނެ ގޮތަކަށް ހެދުން ކަމަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި އަންހެނުންގެ ޑޮކްޓަރުގެ ފަރާތުން ފާއިތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ހިނގާފައިވާ ހާދިސާ ތަކަކީ އެކަމުގެ ސަބަބުން މައިމީހާ އަދި ދަރިފުޅުގެ ފުރާނަޔަށް ނުރައްކާތެރިކަން ލިބިދާނެ ފަދަ ކަމަކަށް ވީހިނދު، މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމަށެވެ. މިފަދަ ކަންތަށް ތަކުރާރުވުމަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި، މުޖުތަމަޢުގެ ހަމަޖެހުން ގެއްލިދާނެފަދަ ކަންތައްތަކަކަށްވާތީ، މިކަންތައްތަކަށް މި ސިޓީން ރަށުގެ ރައްޔިތުންނަށް ހައްލު ހޯދައިދޭން ކުރަންޖެހޭ ހުރިހާ ކަމެއް މި ކައުންސިލުން ފަސްޖެހުމެއްނެތި ކުރަމުންދާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.