ފުވައްމުލަކު ނަރުދަމާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތުގެ %90 ނިންމާލެވިއްޖެ - ފެނަކަ ފުވައްމުލައް

ފުވައްމުލަކުގެ ނަރުދަމާ މައްސަލަ ހައްލުކުރުމުގެ މަޝްރޫގެ ދަށުން ފުވައްމުލަކަށް ގެނައި ޕަމްޕުތަށް ހަރުކޮށް މަސައްކަތުގެ %90 ނިމިފައިވާކަމަށް ކަމަށް ފެނަކަ ފުވައްމުލަކުން ހާމަކުރައްވައިފިއެވެ.
މިމަޝްރޫއާއި ގުޅިގެން "ރަށިކަބަރޮ" އިން ސުވާލުކުރުމުން މެނޭޖަރ ޝާފީ ވިދާޅުވީ މިމަސައްކަތަށް ބޭނުންވާ ސާމާނު ގެނެވި ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް ކުރީގެ ބައެއް ޗެމްބަރު ތަކުގައި މައްސަލަ ހުރިކަން ފާހަގަކުރެވިގެން އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް އަދިވެސް ދާކަމަށް ޝާފީ މަޢުލޫމާތު ދެއްވިއެވެ.
އެމައްސަކަތަށް ބޭނުންވާ ބައެއް ސާމާނު ގެންނަން ޖެހޭތީ އެއްކޮށް ނިންމާލަން އަދި ދުވަސްކޮޅެއް ބޭނުންވިޔަސް މިހާރުވެސް އާ ސިސްޓަމް ބޭނުންކޮށްގެން ޚިދުމަތް ދެމުންދާކަމަށް ވިދާޅުވިއެވެ.
އަދިވެސް އިތުރަށް ޝާފީ ވިދާޅުވީ މިމަސައްކަތް އެއްކޮށް ނިންމާލެވޭއިރު މޮނިޓަރިންގ ސިސްޓަމެއްވެސް ޤާއިމް ކުރެވިގެންދާނެއެވެ. އެސާމާނު އަދި ނުލިބޭކަމަށާއި، އެސާމާނު އަންނައިރު އެ ހަރުކުރަން ކުންފުނިން މީހުންވެސް އަންނާނެ ކަމަށެވެ. އަދި މިމަސައްކަތް ނިންމާލާފައި ދިއުމުގެ ކުރިން ފެނަކައިގެ މުޢައްޒަފުން ތަމްރީނުވެސް ކުރާނެކަމަށް ވެސް ޝާފީ ވިދާޅުވިއެވެ.
ފުވައްމުލަކުގެ ނަރުދަމާގެ މަސައްކަތަކީ ރައީސް ޔާމީނުގެ ސަރުކާރުން ފަށާ ނިންމާފައިވާ މަޝްރޫއެކެވެ. ނަމަވެސް މިމަސައްކަތް ކުރި ކުންފުނިން ފެނަކައާއި ހަވާލުކުރިއިރުވެސް ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އޭރުވެސް ބުނަމުން ދިޔައެވެ. އެގޮތުން މަގުމަތީގައި ބަހައްޓާފައި ހުރި ޓޭންކްތަކުން ނަޖިސް ފެން ބޭރުވުން ހިމެނެއެވެ. ނަމަވެސް މިކަމަށް މިވަނީ ދާއިމީ ހައްލެއް ހޯދި މަސައްކަތް އެއްކޮށް ނިންމާލެވޭ ހިސާބުގައެވެ.