Advertisement
Advertisement

ފުވައްމުލަކަށް ފްލައިން ސްކޫލެއް ގެންނަން ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ

ފުވައްމުލައް އެއާޕޯޓު ފުވައްމުލައް އެއާޕޯޓު

ފްލައިން ސްކޫލެއް ފުވައްމުލަކަށް ގެނައުމަށް އެކި ފަރާތްތަކާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރ  އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.

Advertisement

މޭޔަރު ވިދާޅުވި ގޮތުގައި ފުވައްމުލައް ސިޓީއަށް ފްލައިން ސްކޫލެއް ގެނައުމަށްޓަކައި ބޭރުގެ ފަރާތަކާއި އެކު ކައުންސިލުން ދަނީ ވާހަކަ ދައްކަމުންނެވެ. އެއާޕޯޓުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ފުވައްމުލަކަށް ފްލައިން ސްކޫލެއް މުހިންމު ކަމުގައި ސިޓީ ކައުންސިލުން ދެކޭ ކަމަށް މޭޔަރު ހާމަކުރިއެވެ.

މީގެ ކުރިންވެސް އަމިއްލަ ފަރާތަކުން ފުވައްމުލަކުގައި ފްލައިން ސްކޫލެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމުން ސިޓީ ކައުންސިލުން އެކަމަށް މަރުހަބާ ކިޔާ އެފަރާތުން އެދުނު ކަންކަން ބަލާ ފްލައިން ސްކޫލެއް ގާއިމްކުރެވޭތޯ މަސައްކަތްތަކެއް ކުރި ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް ފަހުން އެފަރާތުން ވަނީ އަމިއްލައަށް އެ ޕްރޮޖެކްޓު ހުއްޓާލާފައެވެ. ފުވައްމުލަކުގައި ފްލައިން ސްކޫލެއް ހިންގަން ފުވައްމުލައް ސިޓީ ކައުންސިލުން ބިމެއް ހަމަޖައްސައި ނުދިނުމުން އައިލެންޑް އޭވިއޭޝަނުގެ ފްލައިން ސްކޫލް ގާއިމް ނުކުރެވުނީ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް މޭޔަރު ވަނީ ދޮގުކޮށްއެވެ.

އައްޑޫގައި އަމިއްލަ ފަރާތަކުން ހިންގި ފްލައިން ސްކޫލުގެ ހާލަތު ބޮއްސުންލައި ދަރިވަރުންގެ ކިޔެވުން ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ މޯލްޑިވިއަންގެ ދަށުން ފްލައިން ސްކޫލެއް އުފައްދާފައެވެ. އެ ސްކޫލް ފުވައްމުލަކުގައި ގާއިމްކުރަން މަސައްކަތްތަކެއް ވެސް ކުރެވުނެވެ. ނަމަވެސް ވީ އެންމެ އަވަހަކަށް އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް ގޮތެއް ހޯދާދިނުމަށްޓަކައި، އައްޑޫގައި ފްލައިން ސްކޫލް ހިންގި ތަން ސަރުކާރުން މޯލްޑިވިއަންގެ ފްލައިން ސްކޫލަށް ދިނުމުން އެ ސްކޫލް ގާއިމްވެގެން ދިޔައީ އައްޑޫގައެވެ.

މީގެ އިތުރުން އެއާޕޯޓްސް ކޮމްޕެނީގެ ފަޔާރ ޓްރޭނިންގ ސެންޓަރު ފުވައްމުލަކުގައި ގާއިމް ނުކުރެވުނީ ވެސް ކައުންސިލުން އެއްބާރުލުން ނުދީގެން ކަމަށް ބައެއް ފަރާތްތަކުން ކުރި ތުހުމަތުތަކަށް މޭޔަރު ވަނީ ރައްދުދެއްވާފައެވެ. އެ ތުހުމަތުތައް ދޮގު ކުރައްވައި މޭޔަރު ވިދާޅުވި ގޮތުގައި އެއްވެސް އިރަކު ފުވައްމުލަކު އެއާޕޯޓުގައި ފަޔާރ ޓްރޭނިންގ ސެންޓަރު އެޅުމަށް ކުރީގެ ކައުންސިލާއި އަދި މިހާރުގެ ކައުންސިލްގެ ފަރާތުން ވެސް އެއްވެސް ބަޔަކު އެދިފައި ނުވާ ކަމަށެވެ. އަދި ސިޓީ ކައުންސިލާއި އެއާޕޯޓްސް ކުންފުންޏާއި އެކު ބޭއްވުނު ބައްދަލުވުމުގައި ފުވައްމުލަކު އެއާޕޯޓުގެ ތަރައްގީގެ ޕްލޭންތަކާއި އެކު ވާާހަކަތައް ދެކެވުނު އިރު އޭގައި ވެސް ފަޔާރ ޓްރޭނިންް ސެންޓަރެއްގެ ވާހަކައެއް ނެތް ކަމަށެވެ.

"އެއްގޮތަކަށް ވެސް ކައުންސިލުން ނޫނީ އެއާޕޯޓުން ލިބެންޖެހޭ އެހީތެރިކަމެއް ނުލިބި އެއް ނޯންނާނެ" މޭޔަރު

ފުވައްމުލަކު 'އަފުން ނިއުސް' އިން ގެނެސްދިން އަފުންވެށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ، ފުވައްމުލަކުގައި ޓްރޭޑްނެޓުގެ އޮފީސް ގާއިމްކުރެވި އެތަނުން އެކަނި ވެސް 50 ވަރަކަށް ވަޒީފާގެ ފުރުސަތު އުފެއްދިފައިވާ ކަމަށެވެ. އަދި އެޗްޑީސީ އާއި އެންސީއައިޓީގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ކޯލް ސެންޓަރެއްވެސް ފުވައްމުލަކުގައި ގާއިމްކުރެވި ގިނަ އަދަދެއްގެ ވަޒީފާ ފުވައްމުލަކުގައި އުފެދެމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މި ޕްރޮގްރާމްގައި މޭޔަރު ވަނީ ސަރުކާރާއި ސިޓި ކައުންސިލުން ފުވައްމުލަކުގައި ހިގަމުންދާ ބައެއް މަޝްރޫއުތަކާއި ހިންގުމަށް ޕްލޭންކުރެވިފައިވާ ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ދެއްވާފައެވެ.

Advertisement
މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު