Advertisement
Advertisement

ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތަށް

ފުވައްމުލައް ހޮސްޕިޓަލް، ފޮޓޯ: ގޫގުލް ފުވައްމުލައް ހޮސްޕިޓަލް، ފޮޓޯ: ގޫގުލް

ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުގެ މައްސަލަތަކަކީ އާ ވާހަކަތަކެއް ނޫނެވެ. އެންމެން ދަންނަ ބޮޑު ސިއްރެކެވެ.

Advertisement

ނިސްބަތުން 3 ވަނައަށް އެންމެ ބޮޑު އާބާދީގައި ހޮސްޕިޓަލެއް ހުއްޓަސް، ނަމުން ސިޓީއެކޭ ބުންޏަސް މިރަށުގައި ސީޓީ ސްކޭނެއް ނުހުރެއެވެ. ކޮންމެ މީހަކުވެސް ފުރައިގެން ދާންޖެހެނީ އައްޑުއަށް ނުވަތަ މާލެއަށެވެ. ދިވެހި ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ސީޓީ ސްކޭނެއް ނުދީގެން އުޅެނީ ފަހަރެއްގައި އައްޑޫ ސިޓީގައި ސީޓީ ސްކޭން މެޝިނެއް ހުރުމުން ކަމުގައި ވެދާނެއެވެ. ނަމަވެސް އައްޑޫއާއި ފުވައްމުލަކާއި ދޭތެރޭގައިވާ ކަނޑުގައި ދަތުރުކުރި މީހަކަށް ނޫނީ އިހުސާސްވެސް ކޮށްލަންވެސް މި ކަނޑުގެ ބާނި ތަކުގެ އުސްމިނެއް ނޭގޭނެއެވެ. ދެން ބަލާލަން ޖެހެނީ މި ދަތުރު ކުރަން ޖެހެނީ ކިހިނެތްތޯއެވެ. މިހާރު އާއްމު ގޮތެއްގައި ދަތުރުކުރަނީ ސީއެމްބިއުލާންސް ލޯންޗްގައެވެ. މިހާރު ސީއެމްބިއުލާންސް ވަނީ ހަލާކުވެފައެވެ. މީގެ އެންމެ ހިތާމަވެރި ކަމަކީ އައްޑޫ އަތޮޅާއި ފުވައްމުލަށް އެހާ ކާރީގައި އޮންނައިރުވެސް އައްޑޫ ރީޖަނަލް ހޮސްޕިޓަލުން އެތަނުގެ ސީއެމްބިއުލާންސް ފުވައްމުލަކަށް ނުފޮނުވާކަމެވެ. 

ދާދިފަހުން ވެސް ފުވައްމުލަކުން އައްޑޫއަށް ދަތުރުކުރި ސީ އެމްބިއުލާންސް ހަލާކުވެގެން އަނބުރާ ބަލިމީހާއާއި އެކު ފުވައްމުލަކަށް ގެންނަން ޖެހުނެވެ. މިކަމުގައިވެސް ސީއެމްބިއުލާންސް އޮޕަރޭޓް ކުރާ އެމްއެންޑިއެފް ގެ ބޭހެއް އައްޑޫގައި ހުރެ އަދި ސީއެމްބިއުލާންސެއް އޮތަސް ކަފު ޖަހައިގެން ގެންނަން ޖެހުނީ ފުވައްމުލަކުން މަސް ދޯންޏެއް ފޮނުވައިގެންނެވެ. ދެން ހަމަ އެ ބަލިމީހާ ގޮވައިގެން ދާންޖެހުނީ އެމްޓީސީސީގެ ލޯންޗެއް ހަޔާރ ކޮށްގެންނެވެ. މި ލޯންޗްގެ ޚަރަދުގެ ދެބައިކުޅަ އެއްބައި ދައްކަން ޖެހުނީ ބަލިމީހާގެ އާއިލާގެ ފަރާތުންނެވެ.

މިހެން މިކަން ވީއިރު ފުވައްމުލަކުގައި ސީޓީ ސްކޭނެއް ނުހުންނަންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ. ދާދި ފަހުން ފުވައްމުލަކަށް އުފަން ދިވެހިރާއްޖޭގެ ނާއިބް ރައީސް ވެސް ފުވައްމުލަކަށް ރަސްމީ ދަތުރުފުޅެއްވެސް ވަނީ ކޮށްފައެވެ. އަދި މި ދަތުރުގެ ފަހުން މިހާރު ވަނީ ކުރިން ހޮސްޕިޓަލް ހިންގުމާއި ހަވާލުވެގެން ހުންނެވި އަހުމަދު ސައީދު ގެ ބަދަލުގައި ފުވައްމުލައް ސިޓީގެ ކުރީ ޑެޕިއުޓީ މޭޔަރ ލިރާރު ހަމަޖައްސަވާފައެވެ. ނަމަވެސް ހޮސްޕިޓަލުގެ ހިންގުމަށާއި ޚިދުމަތަށް މާބޮޑު ބަދަލެއް އައި ކަމަކަށް ރަށު ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

މީގެ އެތަކެއް ޒަމާނުއްސުރެ ކަން ކުރަމުން އައިގޮތަށް ރައްޔިތުން މިޖެހެނީ ސްކޫލް ބަންދާއި ދިމާކޮށް އާއިލާ އެންމެން ގޮވައިގެން މާލެ ނޫނީ އިންޑިއާއަށް ދަތުރު ފަށާށެވެ. މިއީ ދިވެހި ސަރުކާރުން ފުވައްމުލަކު ރައްޔިތުންނާއި ދޭތެރޭގައި ވަމުންދާ އިހުމާލެއް ކަމުގައި ނޫނީ ނުވާނެއެވެ. ފުވައްމުލަކު ރައްޔިތުން އެދެނީ ފުވައްމުލަކުގައި ތިބެގެން ފަރުވާ ލިބިގަތުމެވެ. އެހެން ބަޔަކަށް ބަރޯސާ ނުވެ ދިރި އުޅެވޭނެ ގޮތް ވުމެވެ. މިއީ ކޮންމެ ރައްޔިތަކުވެސް އެންމެ ބޭނުންވާނެ އެއްކަން ކަމުގައި ނޫނީ ނުވާނެއެވެ.

ދާދިފަހުންވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ވަނީ ހިތާމަވެރި ހާދިސާއެއް ހިނގައި 5 އަހަރުގެ ކުޑަކުއްޖަކު ދުނިޔެއާއި ވަކިވެފައެވެ. މިހާދިސާ ހިނގައި ދިޔަގޮތާއި ދޭތެރޭގައި ރައްޔިތުންގެ ކަންބޮޑުވުން ވަރަށްބޮޑުވެގެން ދިޔައެވެ. އަދި މިކަމާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކުރުމަށް ބާރު އެޅުވުމުގެ ގޮތުން ވަނީ ސިލްސިލާ މުޒާހަރާތަކެއްވެސް ކޮށްފައެވެ. ނަމަވެސް މިކަންކަން ހައްލު ކުރަން ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް އިދާރާއަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަން ނުފެނެއެވެ.

ފުވައްމުލަކު ރައްޔިތުން އެދެނީ ފުވައްމުލަކުގައި ޒަމާނީ އިމާރާތެއް އަޅާފައި ނިންމާލުމެއް ނޫނެވެ. އިމާރާތެއް ހުއްޓަސް އެތަނުގައި ޚިދުމަތް ދޭނެ ރަނގަޅު ޑޮކްޓަރުން ތިބެފައި ނަރުހުންގެ ޚިދުމަތްވެސް ރަނގަޅުވެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް އެތަން ވެގެން ދިއުމެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު