Advertisement
Advertisement

އަތީގު ކަލޯގެ ފޮޓޯ އާއި އެކު ރަށްގިރުމުގެ މައްސަލައިގެ މާޒީއަށް

ރައީސް މައުމޫން ފުވައްމުލަކު ގިރާ ސަރަހައްދު ބައްލާވާލައްވާ އިރު އަރިހުގައި އޭރުގެ ބޮޑުކަތީބު މުހައްމަދު ވަހީދު އަހުމަދު އަދި މުނީރު ހަސަން ރައީސް މައުމޫން ފުވައްމުލަކު ގިރާ ސަރަހައްދު ބައްލާވާލައްވާ އިރު އަރިހުގައި އޭރުގެ ބޮޑުކަތީބު މުހައްމަދު ވަހީދު އަހުމަދު އަދި މުނީރު ހަސަން

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު މުޅި ފުވައްމުލައް މިއޮތީ އުފަލުން ފޮޅިފައެވެ. ދުވަހާއި ގުޅޭ ގޮތުން އެކި މީހުންގެ ޕޯސްޓް ތަކުން ސޯޝަލްމީޑިއާ ދަނީ ފުރެމުންނެވެ. އޭގެ ތެރެއިން އެންމެ ހާއްސަ އެއް ފޮޓޯ މިއަދު ފޭސްބުކަށް އަޕްޑޭޓް ކުރީ ފުވައްމުލަކު ގިނަ ބަޔަކު ދަންނަ ސޯޝަލްމީޑިއާ އެކްޓިވިސްޓް އަތީގު ކަލޯ ނުވަތަ ބާބާ އެވެ.

Advertisement

މީގެ ތޭރަ އަހަރު ކުރީގެ އެފޮޓޯގައި ފެންނަނީ އޭރުގެ ރައީސް މައުމޫން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި ފުވައްމުލަކު އިރުމަތީ ފަރާތުގެ ގިރާ ސަރަހައްދަށް ވަޑައިގެން އެސަރަހައްދު ބައްލަވައިލާ ތަނެވެ. އަރިހުގައި އޭރު ފުވައްމުލަކު އަތޮޅުވެރިޔާ އާއި ބޮޑު ކަތީބު މުހައްމަދު ވަހީދު އަހުމަދު އަދި މުނީރު ހަސަން އާއި އޭރު ރަށު އޮފީހާއި އަތޮޅު އޮފީހުގެ އިސްވެރިން ފެނިވަޑައިގަންނަވައެވެ.

އަތީގު ޝެއަރ ކުރި މި ތާރީހީ ފޮޓޯއަށް ފުވައްމުލަކު ގިނަ ބަޔަކު ވަނީ ކޮމެންޓްވެސް ކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އާތިޔާ ނަސީރު ކުރެއްވި އަސަރުގަދަ ކޮމެންޓުގައި އެ ފޮޓޯގެ މުހިންމުކަން ފާފުކަ ކުރައްވަމުން ވިދާޅުވީ އެ ފޮޓޯއިން ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން ފުވައްމުލަކު ވެރިންނާއި ރައްޔިތުންނަށް މަސައްކަތް ކުރެވުނު މިންވަރާއި ރަށު ރައްޔިތުންގެ ކެއްތެރިކަން ފެންނަ ކަމަށެވެ.

ފޮޓޯ ޝެއަރ ކުރެއްވި ޕްލޭނިންގެ މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރ ހަސަން ހައްސާމް ވިދާޅުވީ އެ ފޮޓޯ ފެނުމުން ކުރެވެނީ ތަފާތު އިހްސާސެއް ކަމަށެވެ.

"އެދުވަހު އަޅުގަނޑުމެންގެ 'ބޭބެ'މެން ފުވައްމުލަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ހައްލެއް ހޯދަން ކުރި ދަތުރުގައި މިއަދު ކުލަ ޖެހެން މިދަނީ އަޅުގަނޑުމެން ޖީލުގެ ބައިވެރިވުމާއި އެކު. މި ދިގު ދަތުރުގައި ޝާމިލްވި އެންމެހާ ފަރާތްތަކަށް މިއަދަކީ އުފާވެރި ދުވަހެއް." – ހަސަން ހައްސާމް

އެ ދެބޭފުޅުންވެސް އެވިދާޅުވީ ވަރަށް ބޮޑު ތެދެކެވެ. ފުވައްމުލަކު ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާތާ އެތައް ދުވަހެކެވެ. ފުވައްމުލަކުގެ ވެރިންވެސް ބަދަލުވެ ހިންގުމުގެ ދާއިރާ އާއި ސިޔާސީ މައިދާނަށް މުޅިން އާ ޖީލެއް އައިސް ގޮސްފިއެވެ. އެބޭފުޅުންނަށް ކުރެވުނު އެންމެ ބޮޑަކަށް އެމަސައްކަތް ފެށޭތޯ މަސައްކަތް ކުރެއްވިއެވެ. މާޒީ އަށް ޖެހިލަމާތޯއެވެ. 2007 ވަނަ އަހަރެވެ.

"ފަހަކަށް އައިސް އިރުމަތީ ފަރާތުން ވަރަށް ބޮޑަށް ގިރައިގެން އެބަދޭ. ރަށު ތެރެއިން ބައެއް ކަނޑައިގެން ދަނީ. ރަށް ގިރައިގެންދާ ސަރަހައްދަށް ރާޅުއަރައި ފަސްގަނޑު ދަނީ." މުހައްމަދު ވަހީދު އަހުމަދު، (ހަވީރު ނޫސް 4 އޯގަސްޓް 2007)

އޭރުގެ ބޮޑުކަތީބުގެ ހައިސިއްޔަތުން ވަހީދު ގެންދެވީ މައްސަލައަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރައްވަމުންނެވެ.

"އަބަދުވެސް އެގޮތަށް ގިރައިގެންދާ ސަރަހައްދުތަކާ ބެހޭ މައުލޫމާތުތައް ކަމާ ބެހޭ ފަރާތަށް ރިޕޯޓްކުރަމުން މިދަނީ. ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތް." މުހައްމަދު ވަހީދު އަހުމަދު، (ހަވީރު ނޫސް 4 އޯގަސްޓް 2007)

ރައީސް މައުމޫންގެ ވެރިކަމަށް ފަހު ވަހީދުވެސް ރިޓަޔާރ ކުރެއްވީއެވެ. އެފަހުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލާއި އެކު އެތައް ކައުންސިލަރުންނެއް އައިސް ގޮސްފިއެވެ. ރަށް ގިރުމުގެ މައްސަލަ ދިމާވަމުން ދާތާ ހަތަރު ރައީސުން ގައުމުގައި ވެރިކަން ކޮށްފިއެވެ. އާތިޔާ ވިދާޅުވި ފަދައިން ފުވައްމުލަކު ރައްޔިތުން ސަރުކާރުތަކަށް އިތުބާރުކޮށް ކެއްތެރިކަމާއި އެކު ހައްލެއް ފެންނާނެ ދުވަހަކަށް އައީ އިންތިޒާރުކުރަމުންނެވެ. މިދުވަހަށެވެ. ގިރާ ސަރަހައްދު ހިމާޔަތް ކުރެވޭނެ ދުވަހަކަށެވެ. 

އޭރުގެ ބޮޑުކަތީބު ވަހީދަށް މައިފުށުން ބޮޑުބޭބެ ވިދާޅުވާ ހައްސާމް ވިދާޅުވި ފަދައިން މިއަދު އެކަން ހަގީގަތަކަށް ވެގެންދާތަން ފެނިގެން ދިއުމަކީ ފުވައްމުލަކު ރައްޔިތުންނަށް ލިބިގެންދާނެ ނުހަނު ބޮޑު އުފަލެއްކަން ޔަގީނެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު