Advertisement

ފުވައްމުލައް ސިޓީއަށް ޕީސީއާރ މެޝިނެއް ނުލިބިގެން ރައްޔިތުން ރަތަށް

ފުވައްމުލައް ސިޓީގެ ހިތްގައިމު ތުނޑީގެ މަންޒަރެއް ފުވައްމުލައް ސިޓީގެ ހިތްގައިމު ތުނޑީގެ މަންޒަރެއް

މުޅިރާއްޖެއަށް ކޮވިޑު 19 ފެތުރި އެއިގެ ކޮންޓްރޯލް ސިއްޙީ މާހިރުންގެ އަތް އަތް މަތިން މިވަނީ ދޫވެފައެވެ. 

Advertisement

މިހެން އޮތް ދަނޑިވަޅެއްގައި ފުވައްމުލައް ސިޓީގައިވެސް މިބަލި ޖެހޭމީހުން މިދަނީ ދުވަހެއް ދުވަހެއް ވާހެން ގިނަވާން ފަށާ، ކަމާއިބެހޭ ފަރާތްތަކުގެ އަތްމަތިން ކޮންޓްރޯލު ގެއްލެން ކައިރިވެފައެވެ. އަދި މުޅި ސިޓީގެ އެންމެހައި ރައްޔިތުން ތިބީ ނުހަނު ހާސްވެ ކަންބޮޑުވުމާއި އެއްކޮށް ބިރުވެރިކަމެއްގެ ތެރޭގައެވެ.



ފުވައްމުލައް ސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ހަވީރު 6 އާއި ހަމަޔަށް ބަލި ޖެހި ބަލިން ރަގަޅުނުވެ ތިބި މީހުންގެ ޖުމްލަ ޢަދަދު 240 އަށްވުރެ މައްޗަށް އަރައެވެ. އަދި ސާމްޕަލްނަގައި ނަތީޖާ ނުލިބި އިއްޔެ ހަވީރު 6 އާއި ހަމަޔަށް 350 އަށްވުރެ ގިނަ ސާމްޕަލް އެބަހުއްޓެވެ. މިއީ އެވްރެޖްކޮށް ކޮންމެ ދުވަހެއްގެ ވެސް ހާލަތެވެ.



އާބާދީގައި 14000 އަށްވުރެ ގިނަ ރައްޔިތުން ތިބޭ ފުވައްމުލައް ސިޓީގެ ޙާލަތަކީ ސިޓީއިން ނަގާ ސާމްޕަލް އައްޑޫ އާއި މާލެ ސިޓީ އަށް ފޮނުވައިގެން ޓެސްޓު ކުރުވުމެވެ. ފުވައްމުލައް ސިޓީގައި މައިކްރޯ އަވަނެއްހައި ކުޑަ ކުޑަ ޖީނެކްސް ޕާޓް މެޝިނެއް ހުއްޓެއްކަމަކު އެމެޝިނުން ޓެސްޓް ހަދަނީ ހަމައެކަނި އާޖެންޓްކޮށް ކޮންމެހެން ހަދަންޖެހޭ ޓެސްޓްތައް އެކަންޏެވެ. އެހެން ކަމުން ސޯޝަލް މީޑިއާގައި މިހާރަކަށް އައިސް ގިނަބަޔަކު އެންމެ ގިނައިން މިކަމާއި ގުޅިގެން ކުރާ ސުވާލަކީ މިއީ ފުވައްމުލައް ސިޓީއަށް ހައްގު މިންވަރުތޯއެވެ.




ފާހަގަކޮށްލެވުނު ކަމަކީ މިފަހަރު ކޮވިޑް ފެށިގެން އައިއިރު އައްޑޫ އަށް ސާމްޕަލް ފޮނުވައިގެން ޓެސްޓް ހެދުންވެސް އޮތީ ވަގުތީގޮތުން ދުވަސްކޮޅަކަށް މެދުކެނޑިފައެވެ. އެދުވަސްކޮޅު މުޅިންވެސް ފޮނުވަންޖެހުނީ މާލެއަށެވެ. އެހެންކަމުން ސާމްޕަލްގެ ނަތީޖާ ލިބެން ހަފުތާއެއްގެ މުއްތަދެއް ނެގި ދުވަސްކޮޅެއްވެސް ދިޔައެވެ. ނަމަވެސް މިހާރު ދެ ދުވަހުން އެއްދުވަހު 200 ސާމްޕަލް އައްޑޫއަށް ފޮނުވާގޮތްވުމުން މާލެ ފޮނުވާ އަދަދު މިވަނީ މަދުވެފައެވެ. އެއިގެ ނަތީޖާއަކަށް ވެގެން ދިޔައީ ކުރިއަށްވުރެ އަވަހަށް މިހާރު ނަތީޖާ ލިބުމެވެ. އެކަމަކުވެސް ރައްޔިތުން އެއަށް ކުރާ އިންތިޒާރަށް ނިމުމެއް ނައިސް ނަތީޖާ ނުލިބި ދިގުލައިގެން ގޮސް ބައެއް ފަހަރު 2 ދުވަސް، ނޫނީ 3 ދުވަސް ވާކަންވެސް ފާހަގަކުރެވެއެވެ. މީގެ ސަބަބުން އެތައް ރައްޔިތުންނަކަށާއި މިކަން މެނޭޖްކުރައްވާ ފަރާތްތަކަށްވެސް ބޮޑު ތަކުލީފާއި ކުރިމަތިލާން އޮންނަނީ ޖެހިފައެވެ.



ކަން މިހެން އޮތްއިރު، ފުވައްމުލައް ސިޓީގެ ހުރިހާ ރައްޔިތުންވެސް އެދޭ ގޮތަކީ ސިޓީގައި ޓެސްޓް ކުރެވޭނެ މެޝިނެއް ގާއިމުވެ، އެއިގެ ބޭނުން ދުވަހުން ދުވަހަަށް ކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔުމެވެ. މިއީ މިކަމުގެ ދާއިމީ ހައްލެއްކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މީގެކުރިން މިސިޓީގައި ކޮވިޑް ފެތުރިގެން ދިޔަ ދުވަސްކޮޅު ސިޓީގެ ކަމާއިބެހޭ ފަރާތްތަކުން ހެލްތު މިނިސްޓަރާއި ޙަވާލާ ދެއްވާ ވިދާޅުވަމުން ގެންދެވި ވާހަކައިން ރައްޔިތުން ތިބީ ހިތްހަމަ ޖައްސާލައިގެންނެވެ. އެއީ ރާއްޖެއަށް އެންމެ ފުރަތަމަ ލިބޭ ޕީސީއާރ މެޝިން ފުވައްމުލައް ސިޓީގައި ބަހައްޓަވައި ދެއްވާނެކަމަށް ވިދާޅުވުމުންނެވެ.



ކޮންމެޔަކަސް، ކަންވެގެން މިދިޔައީ އެވިދާޅުވި މެޝިނެއް ނުލިބެނީސް މިސިޓީއަށް އައި ކޮވިޑުގެ ދެވަނަ ރާޅާއި އެކު ރައްޔިތުން އިންތިހާޔަށް ބިރުވެރިކަމަށް ވެއްޓުމެވެ. އަދި ކުރިން ވިދާޅުވި ވާހަކަޔާއި މުޅިން އިދިކޮޅަށް ކަންތައް ވާން އުޅޭކަމުގެ ކޮޅުމަތި ފެނުމެވެ. އެއާއިއެކު ރައްޔިތުންގެ ރުޅިވެރިކަންވެސް ކޮޅުންލާން ފެށީއެވެ. އެންމެ ބޮޑު ސަބަބަކަށް ވެގެން ދިޔައީ 23 މެއި ވީދުވަހު ސަރުކާރުން ޢާންމުކުރި ޢާންމުކުރުމެކެވެ. އެއީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޕީސީއާރ އަށް ޓެސްޓްކުރެވޭނެ ފެސިލިޓީތަކެއް ހެދުމަށް ނިންމައި، އެ ސަރަހައްދުތަކުގެ ނަންތައް ޢާންމުކުރިއިރު ފުވައްމުލައް ސިޓީގެ ނަން އެލިސްޓުގައި ނެތުމުންނެވެ. މިލިސްޓަށް ބަލާއިރު ހުވަދު އަތޮޅު ފެސިލިޓީއެއް ގާއިމުވާކަން އެބަ އެގެއެވެ. މިހެން ވެއްޖެނަމަ، މިސިޓީގެ ދެބިތުގައި ތިބި އަތޮޅުތަކުގައި (އައްޑޫ ސިޓީއާއި ހުވަދު އަތޮޅު) ޕީސީއާރ މެޝިން ގާއިމުވީއެވެ. ދޭތެރޭގެ މެދުގައި މިއޮތް މިސިޓީ ބާކީވީއެވެ.



މިހެންކަމުން ރައްޔިތުން ދަނީ އެމީހުންގެ އުދާސްތައް އެކި ގޮތްގޮތުން ބޭރުކުރަމުންނެވެ. ސިޓީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނަށާއި، ނައިބު ރައީސަަށްވެސް ނިސްބަތްވާގޮތަށް ނުރުހުމުގެ އުދާސްތައް ބޭރުކުރަނީއެވެ. ހެލްތު މިނސްޓަރަށާއި ރައީސް ސޯލިހަށްވެސް މެއެވެެ. މިކަމުގައި އެމް.ޑީ.ޕީ. ނުވަތަ ޕީ.ޕީ.އެމް.ގެ ސަޕޯޓަރެއް ނޫނީ އިސްފަރާތެއް އިސްތިސްނާ ވުމެއް ނެތެވެ. އެއްބަޔަކު ޖޯލިފަތީގައްޔާއި ގޯޅި ގޯޅި ކަން ކަން މަތީގައެވެ. ބަނދަރު މަތީގައެވެ. އަނެއްބަޔަކު ސޯޝަލް މީޑިޔާގައެވެ.




މިގޮތުން މިހާރު ސޯޝަލް މީޑިއާގައި ފުވައްމުލައް ސިޓީގެ ރައްޔިތުން އަމިއްލަޔަށް މެޝިނެއް ގަތުމުގެ ޚިޔާލު ފެތުރި، ސަރުކާރަށް ބަރޯސާނުވެ "ސަލާމް ޖަހާގެން" މެޝިނެއް ގަތުމުގެ މަޝްވަރާ ކުރާތަންވެސް އެބަ ފެނެއެވެ. ގިނަ ބަޔަކު ބުނާ ގޮތުން ސަރުކާރަށް އާދޭސްކޮށް ކޮށް މިހާރު ވަރު ބަލިވެެއްޖެއެވެ. މެންބަރުން ފަހަތުންެވެސް ދުވެވިއްޖެއެވެ. މިހާ ބޮޑު އާބާދީއެއް އޮންނަ ރަށެއްގައި ޕީސީއާރ މެޝިނެއް ހުންނަން ނުޖެހޭ ސަބަބެއް ނެތެވެ. ބައެއް މީހުންގެ ޚިޔާލު ހުރިގޮތުން ކޮންމެވެސް ބަޔަކު އިސްނަގައިގެން ރައްޔިތުން ކައިރީ ނާށިގަނޑު ހިފައިގެން ގޮސް ފައިސާ އެއްކޮށްގެން މެޝިން ގަންނަ ހިސާބަަށް މިހާރު ކަންތައް ދިޔައީއެވެ. ރައްޔިތުންގެ ރުޅިވެރިކަން މިހާރު ކޮޅުން ލައިފިއެވެ. މިކަމުގައި ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ސޯސަލް މީޑިއާ އެކްޓިވިސްޓުން ކޮންމެ ދުވަހަކުމެ އެދަނީ އެމީހުންގެ އުދާސްތައް ބޭރުކުރަމުންނެވެ.




ފުވައްމުލައް ސިޓީ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބޭފުޅުން މިސަރުކާރުގެ އިސްމަގާމުތަކުގައި ތިބޭކަން ފާހަގަކުރެވެއެވެ. މިގޮތުން މަޖިލީހުގައި މިސިޓީ ތަމްސީލު ކުރައްވާ 3 މެންބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންވެސް މެއެވެ. މީގެ އިތުރުންވެސް ނައިބު ރައީސް އާއި މިނޫނަސް ގިނަ އަދަދެއްގެ ބޭފުޅުން ސަރުކާރުގައި ތިއްބަވައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު