ފުވައްމުލަކުގައި ކޮވިޑް ޓެސްޓު ކުރަނީ ހަމައެކަނި އެމެޖެންސީ ހާލަތްތަކުގައި ނެގޭ ސާމްޕަލް
ފުވައްމުލަކަކީ ރާއްޖެއިން 3 ވަނައަށް އެންމެ ބޮޑު އާބާދީއެވެ. މި ސިޓީގެ ހޮސްޕިޓަލުގެ ފެންވަރު ދަށްވާހަކަ ދައްކާތާ ލައްކަ ޒަމާން ވެއްޖެއެވެ. ކުރީގެ ސިއްޙީ މަރުކަޒުން އަތޮޅު ހޮސްޕިޓަލަށް ބަދަލުވެގެން ދިޔަ ނަމަވެސް އަދިވެސް މާލެއަށް ބަރޯސާވުން ނިމުމަކަށް ނާދެއެވެ. ފަހަރެއްގައި އެކަން އެހެން ވުމަކީ ނާދިރު ކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް ރަށު ރައްޔިތުން އެކަމެއް ޤަބޫލެއް ނުކުރެއެވެ. ސަބަބަކީ ފުވައްމުލަކު ގިނަ ރައްޔިތުންތަކެއް އާމްދަނީ ހޯދަން މަސައްކަތް ކުރަމުންދަނީ އަނބިދަރިން ދޫކޮށްފައި ގޮސް މާލެ ނުވަތަ ރިސޯޓެއްގައި ކަމަށް ވުމުން އެތަކެއް ދުވަސްތަކެއް ވަންދެން ރަށުން ބޭރުގައި އުޅުމަށްފަހު ރަށަށް އައުމަށްފަހު ކަރަންޓީނުގެ 10 ދުވަސް ހަމަވެ އަދި އިތުރުނ 3-4 ދުވަސް ވަންދެން ސާމްޕަލްގެ ނަތީޖާ ލިބެންދެން ވާނުވާގައި ހުންނަން ޖެހުމެވެ.
މި ނޫހާއި ވާހަކަދެއްކި ބައެއް ރަށު ރައްޔިތުން ބުނާގޮތުން ބައެއް ފަހަރު 4 ދުވަސް ވަންދެންވެސް މަޑު ކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން ޗުއްޓީގެ ބޮޑުބައެއް ހޭދަ ކުރަން ޖެހެނީ އަނެއްކާވެސް އާއިލާއާއި ދުރުގައި ކަމަށެވެ. މިކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމީހުން ބުނެއެވެ. އޭގެ ސަބަބުން ބޮޑެތި ގެއްލުންވެސް ލިބެއެވެ. އަދިވެސް ބައެއް ކުންފުނިތަކުން ކަރަންޓީނު ދުވަސްތަށް ގުނަނީ ޗުއްޓީ ދުވަސް ގޮތަށް ކަމަށް ވެއެވެ. ބައެއް ކުންފުނިތަކުން ކަރަންޓީނު ދުވަސްތަކަށް 10 ދުވަސް ސްޕެޝަލް ލީވް ގޮތުގައި ދެއެވެ. ނަމަވެސް 10 ދުވަސް ވެގެން ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެންވެސް ހުންނަން ޖެހެނީ ކަރަންޓީނުވި ތަނުގައެވެ. އެޗްޕީއޭ އިން ވަކިގޮތެއް އަންގަން ދެނެވެ. ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަން ދެނެވެ.
މިކަމަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން ހުރި ކަމަކަށް ވުމުން މި ނޫހުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރ އަހްމަދު ސައީދު އަށް ގުޅާލުމުން ކަން ހިނގާގޮތް ކޮންމެވެސް ވަރަކަށް މި ނޫހާއި ޙިއްސާ ކުރިއެވެ. އަޙްމަދު ސަޢީދު ވިދާޅުވީ ފުވައްމުލަކުގައި ކޮވިޑް ޓެސްޓުކުރާ މެޝިނެއް ހުރި ނަމަވެސް އެ މެޝިނުން ޓެސްޓު ކުރަނީ ހަމައެކަނި އެމެޖެންސީ ހާލަތްތަކުގައި ނެގޭ ސާމްޕަލް އެކަނި ކަމަށެވެ. މީގެ ކުރިން އައްޑޫއަށް ފޮނުވައިގެން ވެސް ޓެސްޓު ކުރި ނަމަވެސް މިހާރު ފޮނުވަނީ މާލެއަށެވެ. ސަބަބަކީ އައްޑޫގެ މެޝިންގެ ރީއެޖެންޓްސް ހުސްވެފައި ހުރުމުގެ ސަބަބުން އައްޑޫއިން ވެސް މިހާރު ޓެސްޓު ހެދެން ނެތުމުންނެވެ.