ފުވައްމުލަކުން ކޮވިޑު ޖެހުނު މީހުންގެ އަދަދު 100 އިން މައްޗަށް
ހޯމަ ދުވަހުގެ ރޭ 12 ޖެހުމާއި ހަމައަށް ފުވައްމުލައް ސިޓީ އިން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 17 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ފުވައްމުލައް ސިޓީ އިން ހޯމަ ދުވަހު ޕޮޒިޓިވް ވި 17 މީހުންނާއި އެކު މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ. ހޯމަ ދުވަހުގެ ޕޮޒިޓިވްވި ކޭސްތަކާއި އެކު ފުވައްމުލަކުގައި މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 111 އެވެ.
ހޯމަ ދުވަހުގެ ޕޮޒިޓިވް ވި 17 މީހުންނާއި އެކު މިވަގުތު ފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ އެކްޓިވް ކޭސް (ޕޮޒިޓިވް ވެފައިވާ މީހުން)ގެ އަދަދު ވަނީ 38 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފުވައްމުލަކުން ކޮވިޑަށް ޕޮޒިޓިވްވި ފަރާތްތަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކާއި އަދި ކޮވިޑުގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި ފަރާތްތަކެވެ.
ފުވައްމުލައް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަލެއް ގިނައެވެ. ނަމަވެސް ކޮވިޑު19 އަށް ޕޮޒިޓިވްވެ ހާލު ގޯސްވާ މީހުން އެޑްމިޓުކޮށްގެން ސިއްހީ ފަރުވާ ދިނުމަށް ފުވައްމުލަކުގައި ހަދާފައިވާ ކޮވިޑް ފެސިލިޓީގައި މިވަގުތު އެއްވެސް މީހަކަށް އެޑްމިޓުކޮށްގެން ފަރުވާދެމުންނެއް ނުދެއެވެ.
ފުވައްމުލައް ސިޓީގައި މީގެ ކުރިން ވެސް ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިފައިވެއެވެ. މިފަހަރު ބަލި ފެތުރުނު ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ފުވައްމުލައް ސިޓީ ދިގުވާނޑު މިސްކިތަކަށް ދިޔަ މީހުންގެ ތެރެއިންނެވެ.
ފުވައްމުލައް ކޮވިޑް19 ތަފާސް ހިސާބު
މިއަދު ސާމްޕަލް ނެގުނު އަދަދު: 85
ހޯމަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު: 17
މިހާތަނަށް ނެގުނު ސާމްޕަލްގެ އަދަދު: 9791
މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު: 111
ރަނގަޅުވި މީހުންގެ އަދަދު: 74
މިވަގުތު އެކްޓިވް ކޭސް އަދަދު: 38
ފުވައްމުލައް ކޮވިޑް ފެސިލިޓީގައި އެޑްމިޓު ކުރެވިފައިވާ މީހުންގެ އަދަދު: 0