އެޕްރީލް 16 ވަނަދުވަހު ފުވައްމުލަކުގައި ލައިބްރަރީއެއް ހުޅުވުމުގެ މަސައްކަތް ކުރަމުން ދަނީ
އެޕްރީލް 16 ވަނަދުވަހު ފުވައްމުލަކުގައި ލައިބްރަރީއެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.
އާދީއްތަ ދުވަހު ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެ ކައުންސިލުގެ ޑިރެކްޓަރ މަސީހު ވިދާޅުވީ މި ލައިބްރަރީއަށް ބޭނުންވާ އެކި ވައްތަރުގެ ފޮތް ސާމާނު މިހާރު ވަނީ ލިބިފައި ކަމަށާއި އަދި މި ކަމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކޭ ކަމެއް ކަމަށެވެ. މި ލައިބްރަރީ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރު މި އަންނަނީ ވަމުން ކަމަށް ވެސް މަސީހު ވިދާޅުވިއެވެ. ނަމަވެސް މި ލައިބްރަރީއާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއްވައެވެ.
މީގެ އިތުރުންވެސް ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންކަމުގެ ތަފްސީލް މި ބައްދަލުވުމުގައި ޙިއްސާަ ކޮށްފައިވެއެވެ. އާދީއްތަ ދުވަހުގެ ބައްދަލްވުމުގައި ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް ސިޓީ ކައުންސިލްގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.
ޑިރެކްޓަރ ޖެނެރަލް ވިދާޅުވިގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް ހަފްތާއަކު އެއްފަހަރު މިގޮތަށް ރައްޔިތުންނާއި ބައްދަލު ކުރާނެ ކަމަށެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޓީ ކައުންސިލަކުން ރައްޔިތުންނާއި ކޮންމެ ހަފްތާއަކު ބައްދަލުކުރާނެ ކަމަށް ބުނި ފުރަތަމަ ފަހަރު ކަން ފާހަނގަ ކޮށްލެވެއެވެ.