ފުވައްމުލަކު ނައިބުތުއްތު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ދާދި ދެންމެއަކު ފުވައްމުލަކު ނައިބުތުއްތު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ސައިކަލުގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ އެތަނުން އެއް ސައިކަލުގައި ވެލިބަސްތާއެއް ނަގައިގެން ނައިބުތުއްތު މަގަށް ނިކުތް ގަޑީގައި ނައިބުތުއްތު މަގުން ދުއްވާފައި އައި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއް ކަމަށް އެސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިހާރު ދެސައިކަލުގައި ތިބި މީހުންވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ސައިކަލުގައި ތިބީ ކޮން ބައެއް ކަމެއް ކިތައް މީހުންކަމެއް ސާފުވާގޮތް ނުވެއެވެ.
އަދިވެސް ފުވައްމުލަކު ގޮނޑުދޮށުން ވެލި ނެގުން ނުހުއްޓުވެއެވެ. މި ދުވަސްވަރަކީ ފުވައްމުލަކުގައިވެސް ކާފިއު ހިންގާ ދުވަސްކޮޅަކަށް ވިޔަސް އެގަޑީގައިވެސް އެކި ދިމާލުން ވެލި ނަގައިގެންދާ މަންޒަރު ފެންނަމުންދެއެވެ.