ފުވައްމުލަކު ނީލޯފަރު މަގު ހެދުމުގެ މަސައްކަތް މިއަދު ހަވީރު ފެށިގެންދާނެ

ފުވައްމުލަކު ނީލޯފަރު މަގު ހެދުމުގެ މަސައްކަތް މިއަދު ހަވީރު ފެށިގެންދާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.
މި މަގަކީ އެންމެ ފުރަތަމަ ޕްލޭނުގައި ނެތް މަގެއް ކަމުގައި ވިނަމަވެސް މިހާރު ވަނީ މަގުހެދުމުގެ ޕްލޭނުގައި ހިމެނިފައެވެ. މިއަދު މަސައްކަތް ފެށިގެންދާއިރު މި މަގުގެ ބިއޯކިއު އާއި މަސައްކަތަށް ބޭނުންވާނެ ސާމާނުވެސް ވަނީ ލިބިފައެވެ. މިމަގުގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އިލެވޭޝަނާއި ތަކެތި ހޯދުންފަދަ ކަންކަން ކުރަމުންދާތީއެވެ. ނަމަވެސް މިހާރު ވަނީ މަސައްކަތް ކުރުމަށް ބޭނުންވާ ވެހިކަލްވެސް އެ ސަރަހައްދައް ގެންގޮސްފައެވެ.
ފަހުން އިތުުރުކުރި ދެމަގަކީ ނީލޯފަރު މަގާއި އަރުއްފަންނު މަގެވެ. މީގެތެރެއިން ނީލޯފަރުގެ ދިގުމަގުގައި ގާތްގަނޑަކަށް 300 މީޓަރު ވަރުވާނެއެވެ. އަރުއްފަންނު މަގުގައި ގާތްގަނޑަކަށް 200 ވަރަކަށް މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީގެ އޮފިށަލަކު މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މި ދެމަގަކީވެސް ރައްޔިތުންގެ ކަންބޮޑުވުން ހުރި ދެ މަގު ކަން ސޯޝަލް މީޑިއާ ބަލާލުމުން ފާހަނގަ ކުރެވެއެވެ. އެހެންކަމުން ސަރުކާރާއި ކައުންސިލާ ވާހަކަ ދެކެވިގެން މިކަމަށްވެސް މިވަނީ ހައްލެއް ލިބިގެންގޮސްފައެވެ.
އެމްޓީސީސީގެ އޮފިށަލް ވިދާޅުވިގޮތުގައި މިހާރުވެސް ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު މުއައްޒަފުން ނެގުމަށްފަހު ކޮންމެ މަގެއްގައިވެސް 2 ގުރޫޕް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. މި މަސައްކަތަކީ ސަރުކާރުގެ ޚަރަދުގައި 270 މިލިއަން ދިވެހި ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލުކުރެވިގެން ކުރަމުންދާ މަސަތްކަތެކެވެ. މި ޕްރޮޖެކްޓުގައި 31 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.