ފުވައްމުލަކު ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ އާއި ހަމައަށް ނިމިއްޖެ އެވެ.
ސަރުކާރުން މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތް ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މަގު ހެދުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތެވެ. އެ ސެގްމެންޓުގެ މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. މިގޮތުން 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މި ސަރުކާރުން ކުރިއަށް ގެންދާ ފުވައްމުލަކުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި އަދި 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މިއީ 271.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.