ކައުންސިލަރުންގެ ވޯޓަކުން ފުވައްމުލައް ސިޓީ މޭޔަރުގެ ބާރު ހަނިކޮށްފި

ފުވައްމުލަކު ސިޓީކައުންސިލްގެ މިދައުރުގެ ފުރަތަމަ ބައްދަލުވުން ކުރިއަށްދަނީ (ފޮޓޯ ފުވައްމުލައް ސިޓީ ކައުންސިލް) ފުވައްމުލަކު ސިޓީކައުންސިލްގެ މިދައުރުގެ ފުރަތަމަ ބައްދަލުވުން ކުރިއަށްދަނީ (ފޮޓޯ ފުވައްމުލައް ސިޓީ ކައުންސިލް)

ފުވައްމުލައް ސިޓީ ކައުންސިލްގެ ބައްދަލުވުންތަކުގައި ނިންމުންތައް ކަނޑައަޅަން ރިޔާސަތަށް ވޯޓު ދެވޭނީ ޓައި ބްރޭކް ކުރަން އެކަނިކަމަށް ފާސްކޮށްފިއެވެ.

މި މޭމަހުގެ 26 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ އާއްމު ބައްދަލުވުމުގައި, މިގޮތަށް ނިންމާފައިވަނީ ފުވައްމުލައް ސިޓީގެ 6 ކައުންސިލަރުންގެ އިއްތިފާގުންނެވެ. މިނިންމުމުގެ ސަބަބުން, ފުވައްމުލައް ސިޓީގެ ހުރިޔާ ރައްޔިތުންގެ ސީދާ ވޯޓަކުން ފުރަތަމަ ފަހަރަށް އިންތިޚާބުކުރި މޭޔަރުގެ ބާރު މިވަނީ ބޮޑުތަނުން ހަނިކޮށްފައެވެ.

މިކަން ހިނގިގޮތް ސާފުކުރުމަށް, ސިޓީ ކައުންސިލްގެ އެކްޓިން ސެކރެޓަރީ ޖެނެރަލް އަހުމަދު ނިޖާހުއަށް ރަށިކަބަރުން ގުޅުމުން ވިދާޅުވީ ކައުންސިލްގެ މިބައްދަލުވުމަކީ ސިޓީ ކައުންސިލްގެ ހިންގާ ގަވައިދު ފާސްކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށާއި, ޚިޔާލު ތަފާތުވުން އުފެދުނީ, ގަވައިދު ފާސްކުރަން ވޯޓަށް އެހުމަށްފަހު ކައުންސިލް ރިޔާސަތުގައި އިންނެވި މޭޔާރ އިސްމާއީލް ރަފީގު, ވޯޓަށް އަތް އުފުއްލެވުމުންނެވެ. ނަމަވެސް އެކަމާ ދެކޮޅުހައްދަވައި, އެމްޑީޕީ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔާ މުހައްމަދު ފިކުރީ ވިދާޅުވީ ކައުންސިލްގެ ރިޔާސަތަށް ވޯޓުގައި ބައިވެރިނުވެވޭނެ ކަމަށެވެ. ޖަވާބުގައި, ކައުންސިލް ޖަލްސާ މިވަގުތު ހިނގަމުން މިދަނީ ކުރީގެ ކައުންސިލްގެ ގަވައިދުގެ ދަށުން ކަމަށާއި, އަދި އެ ގަވައިދުގައި ކައުންސިލްގެ ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނެ ކަމަށް އެބައޮތްކަމަށް މޭޔަރު އިސްމާޢީލް ރަފީގް ވިދާޅުވިކަމަށެވެ.

މިހިސާބުން އެގަވައިދަށް ޑެޕިއުޓީ މޭޔަރ އިސްލާހު ހުށަހެޅުއްވީއެވެ. އެ އިސްލާހު ހުށަހަޅާފައިވަނީ ކައުންސިލް ހިންގާ ގަވައިދުގެ 3 ވަނަ ބާބުގެ 43 ވަނަ މާއްދާއަށެވެ. އިސްލާހު ހުށަހަޅާފައިވަނީ "ރިޔާސަތުން ވޯޓުގައި ބައިވެރިވާން ވާނެއެވެ." މިހެން އޮތްބައި, އަންނަނިވި ގޮތަށެވެ. "ކައުންސިލުން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވޭނީ ފެންނަ ނުފެންނަ ވޯޓުގެ އަދަދު ހަމަހަމަވެއްޖެ ހާލަތެއްގައެވެ". އެހެން ގޮތަކަށް ބުނާނަމަ ޓައި ބްރޭކް ކުރަން އެކަންޏެވެ. މި އިސްލާހަށް ތާއީދުކުރެއްވީ ކައުންސިލަރު އަބްދުالله ނާސިރު އާއި ކައުންސިލަރު އާމިނަތު އިނާޔާ އެވެ. ވޯޓަށް އެހުމުން އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 6 ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ކުރީގެ ޑެޕިއުޓީ މޭޔަ މުހައްމަދު ލިރާރު އާއި, އަދި އެމަނިކުފާނާއެކު ކައުންސިލްގައި މަސައްކަތް ކުރެއްވި, އަދި މިހާރު ކައުންސިލްގެ އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނިޖާހުވެސް ކަށަވަރު ކޮށްދެއްވި ގޮތުގައި, ކުރީގެ ކައުންސިލްގެ ހިންގާ ގަވައިދުގައި އޮތީ ކައުންސިލްގެ ރިޔާސަތަށް ވޯޓުލެވޭ ގޮތަށެވެ. އަދި ކައުންސިލް ފޭސްބުކް ޕޭޖްގައި އިއްޔެ އާއްމުކުރެއްވި ކައުންސިލްގެ ނިންމުމުގައިވެސް މިއީ ތެދުކަން ސާބިތުވާގޮތަށް ލިޔެފައި އެބައޮތެވެ.

މީގެ އިތުރުން ކައުންސިލްގެ މެމްބަރުންގެ ހާޒިރީ ރެކޯޑް ބަލަހައްޓާނީ ކައުންސިލްގެ އެހެން މުވައްޒަފުންގެ ހާޒިރީ ރެކޯޑް ބަލަހައްޓާ އިލެކްޓްރޯނިކް ސިސްޓަމްއާ ޚިލާފަށް, މެނުއަލް ކޮށްކަމަށްވެސް މިބައްދަލުވުމުގައި ވަނީ ނިންމާފައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި, ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް އެންގުމުން, އެއޮތޯރިޓީން ހަދާފައިވާ އުސޫލާއި ޚިލާފަށް ނިންމި ނިންމުމެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް އިން ހޯމަ ދުވަހުގެ  ހެނދުނުގެ ވަގުތެއްގައި މިނިންމުން ހާމަކުރުމާއެކު އާއްމު ރައްޔިތުން އެމީހުންގެ ޝުއޫރު ސޯޝަލް މީޑިއާގައި ފާޅުކޮށަފައިވެއެވެ. މޭޔަރު ހޮވުމުގެ އިންތިޚާބުގައި އިސްމާއީލް ރަފީގާއި ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ޕީޕީއެމް ކެންޑިޑޭޓް ތޯރިޤް އަހުމަދު, އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ މޭ 26 ވަނަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލް ހިންގާ ގަވައިދަށް ގެނައި ދެބަދަލަކީވެސް އެބޭފުޅާއަށް ބަލައިގަންނަން އެހާ ފަސޭހަ ބަދަލުތަކެއް ނޫން ކަމަށެވެ. ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާ ކައުންސިލްގެ މޭޔަރަށް ކައުންސިލުން ކަންކަން ނިންމުމުގައި ވޯޓުދެވެން އޮތް ފުރުސަތު ހަނިކުރުމަކީ ގަބޫލުކުރަން އުނދަގޫ ކަމެއްކަމަށްވެސް ތޯރިގު ލިއުއްވާފައިވެއެވެ. ގޮތް ނިންމާއިރު އެކަމުގައި މޭޔަރަށް ބައިވެރިވެވުމަކީ މުހިއްމުކަމެއް ކަމުގައި ތޯރިގު ދެކިލައްވާ ކަމަށްވެސް ލިޔެފައިވެއެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ, ދަޑިމަގުގެ ރައްޔިތެއް ކަމުގައިވާ ހަސަން ސައީދު އެބޭފުޅާގެ ފޭސްބުކް ގައި ލިޔެފައި ވަނީ "ހުށަހެޅިގެން ފާސްކޮށްފައިވާ ދެ އިސްލާހަކީވެސް ދުނިޔޭގެ ކަންހިނގާ އުސޫލަށް ބަލާއިރު, އަދި ޑިމޮކްރެސީގެ ބެސްޓް ޕްރެކްޓިސް އަށް ބަލާއިރު ރަނގަޅަށް ނިންމާފައިވާ އިސްލާހުތަކެއް(ނިންމުންތަކެއް)ނޫން" ކަމަށެވެ.

މިސްކިއްމަގު އަވަށު ކައުންސިލްގެ ކުރީގެ މެމްބަރު, އެމްޑީޕީގެ އަހުމަދު ތޮލާލް މުހައްމަދު އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވަނީ "ފުވައްމުލައް ސިޓީ ކައުންސިލްގެ އެއްވެސް ނިންމުމެއް މޭޔަރ އަށް ބަސްނުބުނެވޭ ގޮތަށް ނިންމިގެންދާ އެއްވެސް ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބަލައެއްނުގަނެވޭ" ކަމަށެވެ.

ނަންހާމަ ނުކުރާގޮތަށް ވާހަކަދެއްކެވި ފުވައްމުލަކު ދާއިރާއެއްގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރަކު ވިދާޅުވީ އެބޭފުޅާގެ ނަޒަރުގައި ކައުންސިލް ޗެއާއަށް ވޯޓުދެވޭނެ އާއްމު އުސޫލެއް އެލްޖީއޭއިން ކަނޑައަޅަން އެބަޖެހެއެވެ. އެހެނީ އެކި ރަށްރަށުގެ ކައުންސިލްތަކުން އެކިގޮތަށް މިކަމުގައި އަމަލުކުރަމުންދާ ކަމަށް އެބޭފުޅާއަށް މައުލޫމާތު ލިބިފައިވާތީއެވެ. މި މެމްބަރުގެ ނަޒަރުގައި, ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅާ ހުރިހާ ހުށަހެޅުންތަކަށް ގޮތްނިންމަން ރިޔާސަތަށް ވޯޓުދެވޭ ގޮތަށް އޮތުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް ފެންނަ ނުފެންނަ ވޯޓުގެ އަދަދު އެއްވަރު ވެއްޖެނަމަ އަމަލުކުރާނެ އުސޫލެއް ކަނޑައެޅިފައި އޮންނަން ވާނެއެވެ.

ފުވައްމުލައް ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު "ރަށިކަބަރަށް" ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި ކައުންސިލްގެ ބައްދަލުވުން ތަކުގައި ކައުންސިލްގެ ރިޔާސަތަށް ވޯޓުދެވެން ވާނެކަމަށެވެ. އެއްވެސް ހާލެއްގައި އެކަން މަނާކުރުމަކީ އެމަނިކުފާނުގެ ނަޒަރުގައި ގޯހެކެވެ. ލިރާރު ވިދާޅުވީ އެމަނިކުފާނު ހިމެނިވަޑައިގެންނެވި ކައުންސިލްގެ ހިންގާ ގަވައިދުގައިވެސް އޮތީ, ކައުންސިލްގެ ރިޔާސަތަށް ވޯޓުދެވޭ ގޮތަށެވެ. އަދި އެކަން އެހެން އޮތަސް ގޮތްނިންމަން ނަގާ ވޯޓުގައި އެއްވެސް އުނދަގުލެއް ދިމާވެފައި ނުވާކަމަށްވެސް ކުރީގެ ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ. ސަބަބަކީ ވޯޓުގައި ބައިވެރިވުމުގެ ހައްގު އޮތްނަމަވެސް, ގިނަ ވޯޓުތަކުގައި ރިޔާސަތުން ބައިވެރި ނުވުމާއި އަދި ބައްދަލުވުމުގެ ކުރިން ތިން ކައުންސިލަރުންގެ މެދުގައި މަޝްވަރާކޮށް, ވަކިގޮތަކަށް އެއްބަސްވެވޭތީއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހަސަން ސައީދު ވިދާޅުވީ އެމަނިކުފާނުގެ ކައުންސިލްގައިވެސް ގަވައިދު ހަދާފައި އޮތީ ކައުންސިލްގެ ރިޔާސަތަށް ވޯޓުދެވޭ ގޮތަށެވެ. އަދި އެމަނިކުފާނު ދެކިލައްވަނީ ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލްގެ ޗެއާއަށް ބަހުސްގައި ބައިވެރިވެވެން ވާނެކަމަށާއި އަދި ކޮންމެ ވޯޓެއްގައިވެސް ބައިވެރިވުމުގެ ހައްގު އޮންނަންވާނެ ކަމަށެވެ.

ރިޔާސަތަށް ވޯޓު ނުދެވޭގޮތަށް ކައުންސިލުން ނިންމި ނިންމުން ދިފާއު ކުރައްވާ ބޭފުޅުން ދެކިލައްވާ ގޮތުގައި, އެކަން އެހެން އޮންނަން ޖެހެނީ ވޯޓު ހަމަ ހަމަ ވެއްޖެނަމަ ޓައި ބްރޭކް ކުރަން ޖެހެނީ ރިޔާސަތުން ކަމަށްވާތީއެވެ. ނަމަވެސް މިއީ އެހާ ބުރަދަންހުރި ވާހަކައެއް ނޫނެވެ. ސަބަބަކީ, މިހާރު މިއޮތް ސިޓީކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި, ޑެޕިއުޓީ މޭޔަރު ހޮވަން ނެގި ވޯޓުގައި ކައުންސިލްގެ ރިޔާސަތުން ބައިވެރިވެ ވޯޓު ދިނުމުން ވޯޓު އެއްވަރުވެ, ނަތީޖާ ނެރުނީ ދެވަނަ ފަހަރު ވޯޓުލައިގެން ކަމަށްވާތީއެވެ. ދެވަނަ ބުރުގެ ވޯޓުގައިވެސް ރިޔާސަތުން ވޯޓުގައި ބައިވެރިވެ ވަޑައިގަތެވެ.

ސިޓީކައުންސިލްގެ މޭޔަރގެ ބާރުކަނޑުވައިލި ކަމަށްބުނެ އޮންލައިން ނޫހެއްގައި ޖެހި ޚަބަރަކާ ގުޅިގެން ސިޓީ ކައުންސިލްގެ މޭޔަރ ސޮއިކުރައްވައި މިދިޔަ ހޯމަ ދުވަހު ނެރުއްވި ނޫސްބަޔާނެއްގައި, އެއީ އެކަން ހިނގިގޮތް ނޫން ކަމަށާއި, އެޚަބަރު ލިޔެފައި އޮތީ ކަންހިނގި ގޮތާއި ޚިލާފަށް, ކައުންސިލް މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު
މަގޭ ކައުނސލ
މީ ޑިމޮކްރަސީއޭ. އަމިއްލައަށް ބޭނުން ގޮތެއް ނިންމާލެވޭނެ. ކައުންސިލަރުން އަހަރަކު 1 ދުވަހުު އޮފީހަށް ހާޒިރުވާގޮތަށް އެންމެންގެ އިއްތިފާގުން ފާސްކުރަންވީނު.