Advertisement
Advertisement

ފުވައްމުލަކު ސިޓީ ކައުންސިލްގެ ދޯހަޅި ކަމުގެ ވާހަކަ

ފުވައްމުލައް ސިޓީގެ މޭޔަރ އަދި ފުވައްމުލަކު ދެކުނު އަދި މެދު ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން ފުވައްމުލައް ސިޓީގެ މޭޔަރ އަދި ފުވައްމުލަކު ދެކުނު އަދި މެދު ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން

ފުވައްމުލައް ސިޓީ އަކީވެސް ދިވެހިރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފަށް ރަށުގެ އުމްރާނީ ތަރައްޤީއަށް ވަރަށް އިސްކަންދޭ ބައެއް ދިރިއުޅޭ ރަށެކެވެ. ސޯޝަލް މީޑިއާއަށް ބަލާލިޔަސް މިކަން ވަރަށް ރަނގަޅަށް ފާހަނގަ ވެގެން ދާނެއެވެ.



Advertisement

ފުވައްމުލަކު ސިޓީ ކައުންސިލް އިންތިޚާބަށްފަހު ފުވައްމުލަކު ރައްޔިތުން އަދި ވަކިން ޚާއްސަކޮށް އެމްޑީޕީ އަށް ތާޢީދު ކުރައްވާ މެމްބަރުން އުންމީދު ކުރަމުން އައީ ކައުންސިލް ވެގެންދާނީ ރަށުގެ ރައްޔިތުންގެ އުންމީދުތަށް ހަޤީގަތަކަށް ހަދައިދޭނެ ކައުންސިލެއް ގޮތުގައެވެ. ނަމަވެސް ކައުންސިލް އައްޔަން ކުރި ފަހުން އަދި އެމަންޒަރެއް ނުފެނެއެވެ. ކޮފީ މޭޒުތަކުގައި މިވާހަކަތަށް ވަރަށް ގިނައިން ދެކެވޭ އަޑު މިހާރު އިވެއެވެ. ކަންކަން ނުވަންޏާ އެވާހަކަ ދައްކާނީވެސް ރައްޔިތުންނެވެ. ނަމަވެސް ވާހަކަ ތަކުގެ އަޑު ކައުންސިލަށް އިވޭހެން ހިއެއް ނުވެއެވެ. ފޭސްބުކްގައި ކިތަންމެ ވަރަކަށް މަގު ބައްތި ނުދިއްލޭ ވާހަކަ ޖެހިޔަސް މިހާރުގެ ކައުންސިލުން އެކަމާ މެދު މާބޮޑު ޝައުޤުވެރިކަން ހުރިހެން ހިއެއް ނުވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި މަސް ދުވަސް ވާއިރުވެސް ކައުންސިލުގެ ހިލަމެއް ނުވެއެވެ. ކައުންސިލް މެމްބަރަކު ބުނީ މި ކައުންސިލް އައި ފަހުން ކައުންސިލުން މަގު ބައްތިއެއް ޖަހާފައި ނުވާ ކަމަށެވެ. ނަމަވެސް ބަރާބަރަށް ކުޅިވަރު ހަރަކާތްތަށް ކަލަންޑަރާއި އެއްގޮތަށް ކުރިއަށް ދެއެވެ.

ކައުންސިލްގެ މަސައްކަތްތަށް ބެހިފައިވާގޮތުން ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ކުރަން ކައުންސިލަރުންނާއި ސިވިލްސާވިސް މުއައްޒަފުންނާއި ގުޅިގެން ކަންކަން ހަމަޖައްސާ ގޮތަށެވެ. 



ކައުންސިލުގެ ބަޖެޓުގައި ކޮންމެ އެހަރަކު އެތަކެއް ކަމެއް ކުރަން ޖެހިޔަސް އެންމެ ފަހުވަގުތުގައި ފެންނަނީ އެކަންކަން ނުފެށި ހުއްޓާލާފައި އޮންނަ ތަނެވެ.

މިސްކިތު މަސައްކަތު މީހުންގެ ގޮތުގައި އެތަކެއް ކައުންސިލް މުއައްޒަފުން ތިއްބަސް ނިތްކުރި ޖައްސާލަން ޖެހެނީ ހިރަފުސް މުށިގަނޑެއްގެ މަތީގައެވެ. އިތުބާރު ހުރި ފަރާތަކުން މި ނޫހައް މަޢުލޫމާތު ދިން ގޮތުގައި ބައެއް މީހުން ސޮއި ކޮށްލައިގެން މުސާރަ ބަރާބަރަށް ނަގައެވެ.



ކައުންސިލް އިންތިޚާބު ވެގެން އެންމެ ބާރަށް ދެކެވުނު އެއް ވާހަކައަކީ ކައުންސިލްގެ އާމްދަނީ އިތުރު ކުރުމެވެ. އެގޮތުން ބައެއް މަސައްކަތްތަށް ވެސް ވަނީ ކުރެވިފައެވެ. ކައުންސިލުފެ ފޭސްބުކް ޕޭކް މެދުވެރިކޮށް ލައިވް ކުރި ޖަލްސާއެއްގައި އެނގިގެންދިޔަ އެއް ކަމަކީ ދިވެރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް ގެ އިމާރާތް ހުރި ބިމު ކުލިއަކީ 500 ވަރަކަށް ރުފިޔާ ކަމެވެ. މިކަން ފެންމަތިވެ މިހާރު ވަނީ ހަމަ ކުލި ނަގަން ފަށާފައެވެ. ނަމަވެސް ބައެއް ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ބިންތަކުން އަދިވެސް ކުލީގެ ގޮތުގައި އެންމެ ރުފިޔާއެއްވެސް ނުނަގައެވެ. އެގޮތުން ކައުންސިލް މެމްބަރަކު ނަން ނުޖަހާގޮތަށް ޝަރުތުކޮށް ބުނީ ޒިކުރާ ސްކޫލް ހިންގާ ބިމަކުން އެންމެ ރުފިޔާއެއްވެސް ކައުންސިލަކަށް ނުލިބޭ ކަމަށެވެ. އަދި ހަމަ އެއާއި އެކު ދާދި ފަހުން ކުރީގެ މެދު ދާއިރާގެ މެމްބަރ އަލީ ފަޒާދު ހިންގާ ސްކޫލަށްވެސް ވަނީ ބިން އިތުރުކޮށްދީފައެވެ. އިތުރުކުރި ބަޔަށް ވެސް އިތުރު ކޮށްފައިވަނީ އެންމެ ރުފިޔާއެއްވެސް ކައުންސިލަށް ލިބޭ ގޮތަކަށް ނޫނެވެ. މި ސްކޫލަށް މަދުވެގެން 400 ވަރަކަށް ދަރިވަރުން ތަޢުލީމު ހާސިލް ކުރުމަށް ދާއިރު ކޮންމެ ދަރިވަރެއްގެ އަތުން 1500 ވަރަކަށް ރުފިޔާގެ ފީއެއް ނަގައެވެ. މަދުވެގެން 6 ލައްކަ ރުފިޔާ ލިބޭނެ ކަމަށް އަނދާޒާ ކުރެވޭ މި ސްކޫލުން ބިމު ކުލީގެ ގޮތުގައި އެއްވެސް ވަރެއްގެ އާމްދަނީއެއް ކައުންސިލަށް ނުލިބުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ.



ރައްޔިތުން ހޮވާފައިވަނީ އެމްޑީޕީ މެޖޯރިޓީ އޮތް ކައުންސިލެކެވެ. ދާދި ފަހުން ފުވައްމުލަކު ކައުންސިލަށް ވަނީ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް މުޙައްމަދު އަސްލަމް އައްޔަންކޮށްފައެވެ. ނަމަވެސް އެންމެ އެދެވިގެންވާ ގޮތަށް ރައްޔިތުން އެދޭ ކަންކަން ބެލެހެއްޓެމުން ކުރަމުންދާ ނުދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެސްޖީ ގެ މަސްސޫލިއްޔަތު އެންމެ ރަނގަޅަށް އަދާނުކުރެއެވެ. 



މަގު ހެދުމަކީ މިހާރު ފުވައްމުލަކުގައި ސަރުކާރުން ހިންގަމުންދާ އެންމެ ބޮޑު އެއް މަސައްކަތެވެ. މިކަމުގައި ވެސް ކައުންސިލްގެ އިހުމާލު ވަރަށް ބޮޑު ކަމަށް ރައްޔިތުން ވާހަކަ ދައްކައެވެ. އެމްޓީސީސީ އިން މަސައްކަތް ކުރަމުންދާއިރު އެމްޓީސީސީގެ ސުޕަވައިޒަރުން ފިޔަވައި ކައުންސިލުގެ އެއްވެސް މުޢައްޒަފެއް ނުހުރެއެވެ. ނުވަތަ ކަން ކަން ހިނގަމުންދަނީ ޕްލޭނާއި އެއްގޮތަށްތޯ ކަށަވަރު ކުރަން ކައުންސިލުގެ މެމްބަރެއް ނުހުރެއެވެ. މިހެން ވުމުގެ ސަބަބުން ބައެއް ކަން ކަން ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއްވެސް ދިމާވެއެވެ. މަގު ހެދުމުގެ މަސައްކަތުގައި އުޅޭ ކުއްޖަކު ބުނި ގޮތުން ކޮންމެ މަގެއްގެ މަސައްކަތް ފެށުމުގެ ކުރިން ކައުންސިލާއި ބައްދަލުވުމެއް ބާއްވައެވެ. ނަމަވެސް ބައްދަލު ވުމުގައި ނިންމާފައިވާ ކަންކަން އެމަގުގެ މަސައްކަތް ފަށާއިރުވެސް ހުންނަނީ ހަމަނުޖެހިއެވެ. މިސާލަކަށް ބައެއް ރުއް ގަސް ފަދަ ތަކެެއްޗަށް ބަދަލު ދިނުން ފަދަ ކަންކަން ލަސްވެއެވެ. ނުވަތަ މަސައްކަތް ފަށައިގެން ގޮސް ނިމެން ކައިރިވެފައި ހުއްޓާ ހުއްޓާލަން ޖެހެއެވެ. އަދި ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހެއެވެ.



ކޮންމެއަކަސް ރައްޔިތުންގެ އުންމީދުތަށް ފުރިހަމަ ނުކުރެވެންޏާ ރައްޔިތުންގެ އިތުބާރު ގެއްލޭނެއެވެ. ރައްޔިތުމީހާ ބޭނުންވާ ކަންކަން ފަސޭހައިން ވެގެން ހިނިތުންވުމާއި އެކު ނިކުމެގެން ދިއުމަކީ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ގޮތެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު